ރާއްޖޭގެ ޖުމްލަ ރިޒާވް އާއި ބޭނުންކުރެވޭ ރިޒާވް ވެސް އިތުރުވެއްޖެއެވެ.
ރާއްޖޭގެ ރިޒާވް އިތުރު ކުރުމަށް އެމްއެމްއޭ އާއި ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ބުނީ ޖުމްލަ ރިޒާވް މިދިޔަ މަސް ނިމުނުއިރު ހުރީ 444 މިލިއަން ޑޮލަރުގައި ކަމަށާއި، މި އަހަރުގެ ޖުލައި މަހުގައި ރިޒާވް ހުރީ 395 މިލިއަން ޑޮލަރުގައި ކަމަށެވެ.
އަދި މިދިޔަ މަސް ނިމުނު އިރު ބޭނުންކުރެވޭ ރިޒާވް ހުރީ 61.22 ގައި ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
މިއަހަރުގެ ނިޔަލަށް ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމަށްވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް އެމްއެމްއޭއިން ވަނީ ލަފާކޮށްފައެވެ.
އެމްއެމްއޭއިން ބުނީ ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރާއި އެ އޮތޯރިޓީ ގުޅިގެން ރީފައިނޭންސް ގްރީން ބޮންޑެއް އިޝޫ ކުރުމުގެ މަސައްކަތާއި ސާކް ފްރޭމްވާކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާ އާއެކު 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މި އެރޭންޖްމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ.
އޭގެ އިތުރުން، ސަރުކާރުގެ މެދުރާސްތާގެ ފިސްކަލް އަދި ޑެޓް ސްޓްރެޓެޖީ އާ އެއްގޮތްވާގޮތުގެ މަތިން ހަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު މިހާރަށްވުރެ ރަނގަޅުވާނެ ކަމަށް ވެސް އެމްއެމްއޭއިން ވަނީ އަންދާޒާ ކޮށްފައެވެ.

