މިއަދު ހ.ދޫހިމެރި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 37 މީހުން ހާލުގައި ޖެހިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން މިރޭ ބުނީ، އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 15 ބިދޭސީން ކަމަށެވެ.

އެ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތައް އެ އޮތޯރިޓީން ކުރަމުންދާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.
މިއަދު މެންދުރުފަހު ދޫހިމެރިގޭގައި ހިނގި އަލިފާނުގައި ހާދިސާގައި އަލިފާން ރޯވެފައިިވަނީ އެގޭގައި ހިންގާ ގާމަގު ނަމަކަށް ކިޔާ ކެފޭގެ ބަދިގޭގައެވެ.
ތިން ފަންގިފިިލާއަށް ހަދާފައިވާ އެ ޢިމާރާތުގެ މަތީ ފަންގިފިލާތައް ހަދާފައި ވަނީ ދަނގަޑު ޓިނުންނެވެ.

މި ހާދިސާގައި ދޫހިމެރިގޭގެ އިތުރުން އެ ގެއާއި އިންވެގެން ހުރި ގެއަކަށްވެސް އަލިފާނުގެ އަސަރުކުރިއެވެ.
މިއަދުގެ އަލިފާނުގެ ހާދިސާއާ ގުޅިގެން 50 މީހަކު ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވެއެވެ.

