މިފްކޯ އިން ބޭނުންކުރަމުންދިޔަ ކ.ކަނޑުއޮތްގިރީގައި އެ ކުންފުނިން ކުރަމުން ދިޔަ މަސައްކަތް ދެ ހަފްތާގެ ތެރޭގައި ވަގުތީ ގޮތުން ފެލިވަރުގައި ފެށިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިފްކޯގެ ރަށެއް ކަމުގައިވާ ކަނޑުއޮތްގިރި ފިޝް ވިލެޖު އެމްއެންޑީއެފަށް ދިނުމަށް ކެބިނެޓުގެ މަޝްވަރާއިން ނިންމެވުމާގުޅިގެން، އެ ކުންފުނިން ވަނީ ހުޅުމާލެއިން ބިން ލިބޭގޮތަށް އެ ރަށް ދޫކޮށްލައިފައެވެ.
މިފްކޯ އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލެއިން ބިން ލިބެންދެން ކަނޑުއޮތްގިރީގައި މިފްކޯއިން ކުރި މަސައްކަތް ވަގުތީގޮތުން ފެލިވަރުގައި ފެށުމަށް ގިނަވެގެން ދެ ހަފްތާ ހޭދަވާނެ ކަމަށެވެ.
”އެހެންވީމާ އަންނަ މަހުގެ ކުރިން މިމަހުގެ ފަހުކޮޅުގެ ތެރޭގައި ފަށާނަން.“ މިފްކޯ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ ކަނޑުއޮތްގިރި ރިލޮކޭޝަން މަސައްކަތުގެ 90 އިންސައްތަ މިހާރު ވަނީ ނިމިފައި ކަމަށެވެ.
އެގޮތުން މިހާރު ކުރަމުންދަނީ ބާކީ ހުރި ޕްރޮޑަކްޝަނަށް ބޭނުންވާ ސާމާނު އެރަށުން ބޭލުމުގެ މަސައްކަތް ކަމަށާއި އޭގެ ތެރޭގައި ހެވީ ޑިއުޓީ އިކުއިޕްމެންޓް ހިމެނޭތީ ލޭންޑިންގ ކްރާފްޓާއި ކްރޭން ބޭނުންކޮށްގެން ކުރިއަށް ގެންދަންޖެހޭ މަސައްކަތަކަށް ލަސްކަމެއް އަތުވެދާނެ ކަމަށެވެ.
”އަދި މިމަހުގެ 15 ގެ ކުރިން އެތަން ހުސްކުރަން ޖެހޭތީ އިތުރު ކުޑަ މުއްދަތެއް ހޯދުމަށް އެމްއެންޑީއެފާއި ދަނީ މަޝްވަރާ ކުރެވެމުން.“
މިފްކޯއަށް ކަނޑުއޮތްގިރީގެ ބަދަލުގައި ހުޅުމާލެއިން އަދި ބިމެއް ހަމަޖެހިފައެއް ނުވެއެވެ.
އެ ކުންފުނިން ބުނިގޮތުގައި އެކަމުގައި ފިޝަރީޒް މިނިސްޓްރީ ހިމެނޭ ގޮތަށް އެޗްޑީސީއާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.
އަދި ކަނޑުއޮތްގިރީގެ ބަދަލުގައި ހުޅުމާލެއިން ރަނގަޅު ގޮތެއް ހޯދޭނެ ކަމަށް އުއްމީދު ކުރާ ކަމަށާއި، އެކަން ހަމަޖެހެނުހާ އަވަހަކަށް މީޑިއާތަކަށް ހާމަކުރާނެ ކަމަށް ވެސް މިފްކޯ އިން މައުލޫމާތުދެއެވެ.
ކަނޑުއޮތްގިރި އަކީ ޖުމްލަ ހަތަތު ހެކްޓަރުގެ ބިމެކެވެ.
އެއީ މިފްކޯއިން އުފައްދަމުންދިޔަ ލައިފްސްޓައިލް ޕްރޮޑަކްޓްތަކުގެ މައި ހަބެވެ.
އޭގެ ތެރޭގައި ރެޑީ މޭޑް ނުވަތަ ތާޒާކަމާއެކު ވަގުތުން ގަނެގެން ކެވޭ ގިނަ ބާވަތްތަކުގެ އުފެއްދުންތައް ހިިމެނެއެވެ.

