މޫޑިސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރި ސަބަބުތަކުގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުން ގިނަ އަދަދަކަށް ފައިސާ ޗާޕު ކުރުން ހިމެނޭ ކަމަށް އެ ފާމް އިން ފާހަގަކޮށްފިއެވެ.

ދުނިޔޭގެ ކްރެޑިޓް ރޭޓިން ފާމް، މޫޑިސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިންގ ސީއޭއޭ1 އިން ސީއޭއޭ2 އަށް ވަބީ ބަދަލުކޮށްފައެވެ.

ރޭޓިން ދަށް ކުރި ސަބަބެއް ކަމަށް އެތަނުގެ ރިޕޯޓްގައި ފާހަގަކޮށްފައިވަނީ، ރާއްޖެއިން ވޭތުވެދިޔަ އަހަރުތަކުގައި ނަގާފައިވާ ބޮޑެތި ދަރަނިތައް އަދާކުރުމަށް 2025 ވަނަ އަހަރު ދައްކަންޖެހޭ 600 މިލިއަން ޑޮލަރާއި 2026 ވަނަ އަހަރު ދައްކަންޖެހޭ 1 ބިލިއަން ޑޮލަރު ހިމެނޭގޮތުން، ބޭރުގެ ދަރަނީގެ ސްޓޮކް އިތުރުވެފައިވުމެވެ.

އަދި ނިމިދިޔަ ސަރުކާރުން ޗާޕުކޮށްފައިވާ އަށް ބިލިއަން ރުފިޔާގެ ސަބަބުން ބާޒާރުގައި ދައުރުވާ ފައިސާ އިތުރުވުމާއި، ޑޮލަރަށް އޮންނަ ޑިމާންޑް ބޮޑުވެ އެކްސްޗޭންޖް ރޭޓް ދަމަހައްޓަން ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖެއަށް ދީފައިވާ ރޭޓިންގ މޫޑީސްއިން ބަދަލުކުރި އިރު، ސަރުކާރުން މިހާރުވެސް ދަނީ ރިޕޯޓްގައި ކަންބޮޑުވުން ފާޅުކޮށްފައިވާ ކަންތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.

އެގޮތުން  ހަރަދު ކުޑަކޮށް، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ބައެއް ކުންފުނިތައް އެއްކޮށްލައި އަދި ދައުލަތަށް ގެއްލުންވަމުންދާ ކުންފުނިތައް އުވާލުމުގެ މަސައްކަތްވަނީ ފަށާފައެވެ.

މިއަހަރުގެ ޖުލައި މަހާއި އަޅާ ބަލާއިރު މިދިޔަ އޯގަސްޓު މަހު ރާއްޖޭގެ ރަސްމީ ރިޒާވް 12.3 އިންސައްތައަށް އުފުލިފައިވާކަން ފާހަގަކުރެވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތީރިޓީ, އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖުލައި މަހު ރަސްމީ ރިޒާވްގައި ހުރީ 440 މިލިއަން ޑޮލަރެވެ. އޯގަސްޓު މަސް ނިމުނުއިރު މި އަހަދު ވަނީ 443.88 މިލިއަން ޑޮލަރަށް އަރައިފައެވެ.

މި އަދަދަކީ މިދިޔަ 2023 ވަނަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު 36.1 އިންސައްތަ ދަށް އަދަދެކެވެ.

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އަޅަން ނިންމާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތައް ތަންފީޒު ކުރުމުގެ މަސައްކަތް މިހާރުވެސް ފެށިފައިވާ ކަމަށާއި، އެކަންކަމުގެ ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީގު ވަނީ ވިދާޅުވެފައެވެ.