ރަޖިސްޓްރީކޮށް، އޮޕަރޭޓިން ލައިސަންސް ލިބެންދެން، ފަޒީސް ހިޖާމާ ތެރަޕީގެ ހިދުމަތް މެދުކަނޑާލަން އަންގައިފިއެވެ.
މި ޚިދުމަތް ހުއްޓާލުމަށް، އެތަނުގެ ވެރިފަރާތް ފަޒީލާ ޢުޘްމާން އަށް ހެލްތު މިނިސްޓްރީން އަންގާފައިވަނީ މިނިސްޓްރީއަށް ލިބެމުންދާ ޝަކުވާ އަށް ބަލާ އޭނާއާއި ބައްދަލުކޮށް ރަޖިސްޓްރީކޮށްގެން ހިޖާމާގެ ހިދުމަތް ދިނުމަށް އެންގުމަށް ފަހުގައެވެ.
”ފަޒީސް ހިޖާމާ ތެރަޕީ“ ގެ ނަމުގައި ސޯޝަލް މިޑިއާގައި ސިއްހީ ހިދުމަތުގެ ގޮތުގައި ކޮށްފައިވާ އިޝަތިހާރުތަކަކީ ވެސް މިނިސްޓްރީގެ ހުއްދަލިބިގެން މެނުވީ ނުކުރެވޭނެ ކަންކަން ކަމަށްވާތީ އެފަދަ އިޝްތިހާރުތައްވެސް ނެގުމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ އަންގާފައެވެ.
މީގެ އިތުރުން ސޯޝަލް މިޑިއާގައި ބަލިމީހުންގެ މެޑިކަލް ރިޕޯޓް ތަކުގެ މަޢުލޫމާތަކީ އެންމެ ރައްކާތެރި އަދި ޞައްޙަ މަޢުލޫމާތުކަން ކަށަވަރު ނުވާތީ އެފަދަ ރިޕޯޓްތައްވެސް ސޯޝަލް މީޑިއާއިން ނެގުމަށް ވަނީ އަންގާފައެވެ. ބަލިމީހުންގެ މެޑިކަލް ރެކޮޑްތައް އާއްމުކުރެވޭނީ އެފަދަ ޙާލަތެއްގައި ބަލިމިހާގެ ހުއްދައާއި އެކުގައެވެ.
އަދި ރަޖިސްޓްރީކޮށް އޮޕަރޭޓިންގ ލައިސަންސް ނުނަގައި އެ ހިދުމަތް ދެމުން ގެންދާނަމަ ގާނޫނު ނަންބަރު 29/2015 ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 20 ވަނަ މާއްދާގައިވާ ގޮތުގެމަތިން މިނިސްޓްރީއަށް ލިބިގެންދާ ބާރުގެ ދަށުން ކަމާގުޅޭ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް ފިޒީލާ އަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

