ޕެނަމާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އިޓްސެލް ޕަތީނޯ ދޭ ވިލްޔާރެއާލް އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

Ads by Asuru

ފަތްކޮޅު އެރުވުމުގެ މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

ފަތްކޮޅު އެރުވުމަށްފަހު، ޕެނަމާގެ އައު ސަފީރާ ރައީސް ސޯލިހު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ މިއީ ޕެނަމާ ސަރުކާރުން ރާއްޖެއަށް ސަފީރަކު ކަނޑައެޅުއްވި ފުރަތަމަ ފަހަރުކަން ހާމަކުރައްވައި އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަށްޓަކައި އެކަމަނާއަށް މަރުޙަބާ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ރައީސް ސޯލިހާއި، ޕެނަމާގެ އައު ސަފީރު ވަނީ ދެގައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުން މަޝްވަރާކުރައްވާފައެވެ.

މިގޮތުން، މަލްޓިލެޓަރަލިޒަމްއާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާ ގުޅޭގޮތުންނާއި، މޫސުމީ ބަދަލުތަކާއި ގުޅޭގޮތުންނާއި، ޑިމޮކްރަސީއާއި، ކައުންޓަރ ޓެރަރިޒަމްގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުންދިނުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވެސް ވަނީ ރާއްޖެއާއި ޕެނަމާއާ ދެމެދުގައިވާ ދޭދޭ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި ދެގައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށް ބޭނުންވާކަން ހާމަކުރައްވާފައެވެ.

ދިވެހިރާއްޖެއާ ޕެނަމާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1989 ވަނަ އަހަރުގައެވެ.