ޕްރައިމަރީ ގްރޭޑްތަކުން ފާސްވާ ކުދިންގެ އަދަދު އިތުރުކުރުމުން ސެކަންޑަރީ އިމްތިހާނުތަކުން ފާސްވާ ކުދިންގެ އަދަދުވެސް މައްޗަށް ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ތަރައްގީ ގެނައުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ.
އެ އަމާޒަށް ވާސިލް ވުމަށްޓަކައި ސަރުކާރުގެ މަސައްކަތް އެގޮތަށް ބައްޓަން ކުރައްވާފާއިވާ ކަމަށާއި ތައުލީމީ ނިޒާމަށް މި ސަރުކާރަށް ގެންނަން ބޭނުންވާ އިންގިލާބީ ބަދަލު ގެނައުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ ޕްރައިމަރީ ގްރޭޑްތަކުން ފާސްވާ ކުދިން އިތުރުކުރުމަކީ މި ޕްރޮޖެކްޓުގެ ދަށުން ކުރެވޭނެ މަސައްކަތެއް ކަމަށެވެ.
”ސެކަންޑްރީ ގްރޭޑްތަކަށްވުރެ ޕްރައިމަރީ ގްރޭޑްތަކަށް ނިސްބަތުން ފައިސާ ޚަރަދުކުރެވޭ މިންވަރުވެސް މަދު. ޒަމާނުއްސުރެން ޕްރައިމަރީ ގްރޭޑަށް ދެވިފައި އޮތް އަހަމިއްޔަތުކަން ވެސް ކުޑަވެފައި އޮތީ. އަޅުގަނޑު އަރުވަން ބޭނުންވާ ޔަގީންކަމަކީ ޕްރައިމަރީ ގްރޭޑްއިން ފާސްވާ ކުދިންގެ ނަތީޖާ ރަނގަޅު ކުރުމަށް ވުޒާރާއިން މަސައްކަތް ކުރާނެކަން،“. މިނިސްޓަރު ވިދާޅުވިއެވެ.
ޕްރައިމަރީ ރޭޑްތައް ކަމަށްވާ ގްރޭޑް 3 އަދި 6 ގެ ދަރިވަރު އެ އިމްތިހާނު ހެދި 2015, 2017, 2021 އަދި 2024 ގެ ނަތީޖާތައް ތަފާސް ހިސާބުތައް ހިއްސާކުރައްވަމުން ޝަފީއު ވިދާޅުވީ އެ އިމްތިހާނުގައި ގްރޭޑް 3 ގެ 4،700 އެއްހާ ދަރިވަރުންނާއި ގްރޭޑް 6 ގެ 5،000 އެއްހާ ދަރިވަރުން ބައިވެރިވި ކަމަށެވެ.
ޝަފީއު ވިދާޅުވި ގޮތުގައި މި ނަތީޖާއިން ދައްކަނީ ގްރޭޑް 3 ގެ ދިވެހި މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތުން ބަލާއިރު މިހާރު 40 އިންސައްތައަށްވުރެ ދަށްކަމެވެ.
އަދި ގްރޭޑް 6 ގައި އިނގިރޭސި، ހިސާބު އަދި ދިވެހި މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު ނިސްބަތުން 50 އިންސައްތައަށްވުރެ ދަށުގައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.

