ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކް، ޗައިނާގެ ޕީޕަލްސް ބޭންކް (ޕީބީއޯސީ) އާ ދެމެދު ކަރަންޓް އެކައުންޓް މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ މެދުގައި ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓްތައް ދެގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދޭ އޮނިގަނޑެއް ގާއިމުކުރެވި، ދެ ގައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ޖަނަވަރީ މަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީޖިންޕިންގއާއެކު ބޭއްވެވި މަޝްވަރާތަކުގައި ރާއްޖެއާއި ޗައިނާ އާ ދެމެދު އިސްތިރާޖީ އެއްބާރުލުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެގައުމުގެ މެދުގައި އިގްތިސާދީ އެއްބާރުލުން އިތުރަށް ފުޅާކުރުމަށް މަޝްވަރާކުރެވި އެއްބަސްވެވުނެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ވަނީ، މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ޗައިނާއާ ދެމެދު، ދެ ގައުމުގެ ފައިސާއިން މުއާމަލާތްތައް ކުރުމަށް ފަސޭހަވެ، ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިމްޕޯޓް ކުރުމަށް ފަސޭހަވެ، ދެ ގައުމުގެ މެދުގައި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެގެން ދާނެ ކަމަށެވެ.
އަދި މި ފަހުމުނާމާއަކީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުމާއި، މުހިންމު ބައިނަލްއަގްވާމީ ބައިވެރިންނާއެކު ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރެއްވުމަށް، ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ވިޝަނަރީ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
އަދި މި އެއްބަސްވުމަކީ ދެ ގައުމުގެ މެދުގައި އިގްތިސާދީ ގުޅުން ވަރުގަދަކޮށް، ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

