ގާނާގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން އެއްބާރުލުން ދެއްވާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

ގާނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ކުވާކޫ އަސޫމާ ޝެރަމޭ މިއަދު ވަނީ އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވާފައެވެ.

ފަތްކޮޅު އެރުވުމަށްފަހު، ރައީސާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ގާނާ ސަފީރު ވަނީ ދަނޑުވެރިކަމާއި ފަތުރުވެރިކަން ހިމެނޭގޮތުން ދެ ޤައުމަށްވެސް ފައިދާ ހުރި، އިތުރު ދާއިރާތަކުން ދެޤައުމު ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ގާނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުން ވަރަށް ގިނަ ކަންތައްތަކެއް ދަސްކުރެވިދާނެ ޤައުމެއްކަން ފާހަގަކުރައްވަމުން، ގާނާގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވެދިނުމުގެ ގޮތުން ރާއްޖޭގެ ވިޔަފާރިތަކުން އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް ބައްލަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މިއަހަރަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތަށް 50 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ގާނާގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

އަދި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ ދެމެހެއްޓެނިވި ގޮތުގައި ކުރިޔަށް ގެންދެވޭ ސިނާޢަތަކަށް ހެދުމަށްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.