ޗައިނާއާއި ރާއްޖެއާއި ދެމެދު އަމަލުކުރަން ފަށާ، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަަބަބުން ދެ ގައުމު ދެމެދު ކުރެވޭ ވިޔަފާރީގެ އަގު އެއް ބިލިޔަން ޑޮލަރަށް އަރާނެކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ ރާއްޖެއާއި ޗައިނާ ދެމެދު އިގްތިސާދީ އެއްބާރުލުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި މިދިޔަ ހަފްތާގައި، ޗައިނާއާއެކު ކަރަންސީ ސެޓަލްމެންޓް އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ.
ހީނާ ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ.
އެގޮތުން އެ ގައުމަށް ދަތުރުކުރާ ދިވެހިން އެކި ހިދުމަތްތައް ހޯދުމުގައާއި ވިޔަފާރިކުރުމުގައިވެސް ފައިދާތަކެއްކުރާނެ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރުވެސް ދިވެހި ރާއްޖެއާއި ޗައިނާއާއި ދެމެދު 700 މިލިއަން ރުފިޔާގެ ވިޔަފާރި ކުރެވޭ ކަމަށެވެ.
”އެހެން ނަމަވެސް ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ކުރެވޭ އެފްޓީއޭއާއި އެކީގައި، ޢަމަލު ކުރަން ފެށުމާއިއެކު މި އަދަދު 1 ބިލިޔަން ޑޮލަރަށް އަރާނެ “ ހީނާ ވިދާޅުވިއެވެ.
ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މި މަހު އަމަލު ކުރަން ފަށާނެއެވެ.

