ކުންފުނީގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، މިމަހުގެ 17 ވީ އަންގާރަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވެވި 3 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި އިސްލާހުގައި، ގާނޫނުގެ 100 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދިނުމަށް ކަނޑައަޅާފައިވާ މުއްދަތު 3 ދުވަހަށް ބަދަލުކޮށް އަދި އެ މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ 3 މަސް ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ޖެހޭނެ ކަމުގައި ކަނޑައަޅާފައިވާ މުއްދަތު 10 ދުވަހަށް ބަދަލުކޮށްފައިވެއެވެ.

މީގެ އިތުރުން 100 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ޕްރައިވެޓް ކުންފުނިތަކުން ޚާއްޞަ ޢާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 14 ދުވަސް ކުރިން އެ ކުންފުންޏެއްގެ މެންބަރުންނަށް ނޯޓިސް ފޮނުވުމަށް ކަނޑައަޅާފައިވާ މުއްދަތު މަދުވެގެން 7 ދުވަސް ކުރިން ފޮނުވަން ޖެހޭގޮތަށް ބަދަލުކޮށް، އެ މާއްދާގެ (2) ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ ޕަބްލިކް ކުންފުނިތަކުން ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ، މަދުވެގެން 14 ދުވަސް ކުރިން އެ ކުންފުންޏެއްގެ މެންބަރުންނަށް ނޯޓިސް ފޮނުވަން ކަނޑައަޅާފައިވާ މުއްދަތުވެސް މަދުވެގެން 7 ދުވަސް ކުރިން ނޯޓިސް ފޮނުވަން ޖެހޭގޮތަށް ވަނީ ބަދަލުކޮށްފައެވެ.

މި އިސްލާހުގައި، މި ގާނޫނުގެ 113 ވަނަ މާއްދާގެ (ށ) ގައި، ކޮންމެ ޕަބްލިކް ކުންފުންޏެއްގައި، މަދުވެގެން 2 ޑިރެކްޓަރުން ތިބެންވާނެ ކަމަށާއި މި މާއްދާގެ (ނ) ގައި، ކޮންމެ ސަރުކާރުގެ ކުންފުންޏަކާއި، ލޯކަލް އޮތޯރިޓީ ކުންފުންޏެއްގައި މަދުވެގެން 3 ޑިރެކްޓަރުން ތިބެންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެހެން ގާނޫނެއްގައި، ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ގާނޫނެއްގައި ނުވަތަ ގަރާރެއްގައި، ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި، އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ ޢަދަދު އިތުރުކުރުމަށް މި މާއްދާ ހުރަސް ނާޅާނެކަމަށް ކަނޑައަޅާފައިވެއެވެ.

އަދި މި ގާނޫނުގެ 126 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާގޮތަށް ރަޖިސްޓަރާރގެ އެންގުމެއް ކުންފުންޏަކަށް ލިބޭތާ 30 ދުވަހުގެ ތެރޭގައި ޑިރެކްޓަރުން ޢައްޔަން ކުރުމަށް ދީފައިވާ މުއްދަތު 10 ދުވަހަށް ބަދަލުކޮށް، އެ މައުލޫމާތާއެކު ރަޖިސްޓްރާރއަށް އަންގަންޖެހޭނެ ކަމަށް ކަނޑައަޅައި، އަދި މި މާއްދާގެ (ށ) ގައި ބަޔާންކުރާގޮތަށް ރަޖިސްޓަރާރގެ އެންގުމެއް ކުންފުންޏަކަށް ލިބޭތާ 30 ދުވަހުގެ ތެރޭގައި މެނޭޖިންގ ޑިރެކްޓަރެއް އައްޔަން ކުރުމަށް ދީފައިވާ މުއްދަތު 10 ދުވަހަށް ބަދަލުކޮށް، އެ މައުލޫމާތާއެކު ރަޖިސްޓްރާރއަށް އަންގަންޖެހޭނެ ކަމަށް ކަނޑައަޅައިފައިވެއެވެ.

ކުންފުނީގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން މި ގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ގާނޫނު ތަސްދީގު ކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.