ގައުމީ އިސްލާމީ ލައިބްރަރީ އަންނަ އަހަރުގެ ޖެނުއަރީ މަހު ގާއިމުކުރައްވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، އިސްލާމީ މަރުކަޒުގައި ކުރިން ލައިބްރަރީއެއް ހުރި ކަމަށެވެ.
އެހެން ނަމަވެސް އެތަން ބަންދުކޮށް ފޮތްތައް މިދިޔަ އަހަރުގައި ގުދަނަށް ލާފައިވާއިރު، ސަލްމާން މިސްކިތުގައި މީހުންނަށް ވަދެވޭނެހެން ގައުމީ އިސްލާމީ ލައިބްރަރީއެއް ގާއިމުކުރައްވާނެކަމަށް ވިދާޅުވިއެވެ.
އޭގެ ފަހުން ރާއްޖޭގެ އެކި ރަށްތަކުގައި ގާއިމް ކުރެވިފައި ހުރި މަރުކަޒުތަކުގައި ލައިބްރަރީތައް ގާއިމް ކުރަައްވާނެ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވިއެވެ.

އެގޮތުން ގދ. ތިނަދޫ އިސްލާމިކް ސެންޓަރ، ރ. އުނގޫފާރު އިސްލާމިކް ސެންޓަރ، ހއ. ދިއްދޫ އިސްލާމީ ސެންޓަރ، އައްޑޫސިޓީ ހިތަދޫގައި އިސްލާމީ ސެންޓަރ އަދި ޏ. ފުވައްމުލަކުގައި ކީރީތި ޤުރުއާނާ ބެހޭ މަރުކަޒު ނިމޭއިރު އިސްލާމީ ލައިބްރަރީ ގާއިމުކުރާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

“އެތަން ގާއިމުކުރާނީ ދިރާސާ ކުރާ މީހުންނަށް ފަސޭހައިން ދިރާސާ ކުރެވޭނެ ފަދަ ގޮތަކަށް، ޒަމާނީ ވަސީލަތްތަކާއެކު.“

މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރިން ލައިބްރަރީ އިފްތިތާހު ކުރުމެވެ.

މީގެ އިތުރުން ރާއްޖެއަށް ގެންނަން ބޭނުންފުޅުވަނީ މާއްދީ ތަރައްގީ ނޫންކަމަށާއި ފިކުރީ ތަރައްގީ ގެންނަވާނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.