ރާއްޖޭގެ ކުނިމެނޭޖްކުރުމުގެ ދާއިރާ ތަރައްގީކޮށް ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގައި މިނިސްޓްރީ އޮފް ކްލައިމެޓްޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޖަޕާނުގެ އެހީގައި ހިންގާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުނިމެނޭޖްކުރުމަށް ބޭނުންކުރާ ވަސީލަތްތައް 18 ރަށަކަށް ހަވާލުކޮށްފިއެވެ.

މި ވަސީލަތްތައް ހަވާލުކުރެއްވީ ސާފުރާއްޖެ ބިލްޑިންގްގެ ސެމިނަރ ރޫމްގައި ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ކުލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާރޖީ އޮނަރަބަލް ޠާރިޤް އިބްރާހިމްއެވެ.

މި ރަސްމިއްޔާތުގައި ކައުންސިލްތަކުގެ ރައީސުންނާއި ނާއިބުރައީސުން އަދި ކައުންސިލަރުންގެ އިތުރުން ރައްޔިތުން މަޖިލިސްގެ ބައެއް އިއްޒަތްތެރިންނާއި ވެމްކޯގެ ބައެއް އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހަވާލުކުރެވުނު ވަސީލަތްތަކުގެ ތެރޭގައި ކުނިއުފުލަން ބޭނުންކުރެވޭ ޑަމްޕް ޓްރަކް، ކުނި އެއްކުރަން ބޭނުންކުރާ ބިން އަދި ކުނި ރައްކާތެރިގޮތުގައި ގުދަންކުރުމަށް ބޭނުންކުރާނެ ބޭލިން މެޝިން ހިމެނެއެވެ. މި ވަސީލަތްތައް ހަވާލުކުރެވިފައިވަނީ ޒޯން 3 (އއ، އދ، ވ، އަދި ކ) ގެ 18 ރަށަކަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވީ ރާއްޖޭގައި ކުނި އުފައްދާ މިންވަރު އިންތިހާއަށް އިތުރުވަމުންދާކަމާއި، ކުންޏަކީ ދިވެހިރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ.

އެހެންކަމުން، މިއަދު ހަވާލުކުރެވުނު ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި އުސޫލެއްގެ ތެރެއިން ރަށު ފެންވަރުގައި ކުނި މެނޭޖްކުރުމަށް އެމަނިކުފާނު ކައުންސިލްތަކަށް ގޮވާލެއްވިއެވެ.

މި ވަސީލަތްތަކަކީ ކުނި މެނޭޖްކުރުމުގެ ޤާނޫނާއި މަގޭސާފުރާއްޖެ ސިޔާސަތާއި ސްޓްރެޖީތަކާ އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ޒަމާނީ ފެންވަރަކަށް ކުނިމެނޭޖްކުރުމުގެ ވަކި މިންގަނޑަކަށް ފެއްތުމުގެ ދަށުން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަވާލުކުރެވުނު ވަސީލަތްތަކެކެވެ.