ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޔާސަތަކީ ކޮންމެ ކަމެއްވެސް، ކޮށްދެވޭނެ އެންމެ ރަނގަޅަށް ކޮށްދެއްވުން ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

Ads by Asuru

އާޒިމް މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި، އިއްޔެ ފެށި މިނީ ބަހުގެ ހިދުމަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް ކޮށްދެއްވާ ކަންކަން، ދެމެހެއްޓެނިވި ގޮތެއްގައި ކުރެއްވުމަށް ރައީސް ސޯލިހު ބޭނުންފުޅުވެލައްވާ ކަަމަށެވެ.

”އެގޮތަށް ނޫން ގޮތަކަށް ކަމެއް ނުކުރައްވާނެ. ހެއްކާ އެއްކޮށް އަޅުގަނޑު މިވާހަކަ ދައްކަމުން ދާނީވެސް. ކުރިންވެސް ބަސް ދަތުރުގެ ވާހަކަ، ފެރީގެ ނިޒާމުގެ ވާހަކަ ދެކެވުނު.“ އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސްގެ ވިސްނުންފުޅަކީ މިނީ ބަހުގެ ހިދުމަތް، ދާއިމީކޮށް ކުރެވޭނެ ގޮތަކަށް އެކަން ކުރެއްވުން ކަމުގައެވެ.

އިއްޔެ ފެށި މިނީ ބަހުގެ ހިދުމަތް، ފުރަތަމަ ދެ ހަފްތާގައި ދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލޭއެވެ.

އަދި ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، އުމުރުން 65 އަހަރުން މަތީގެ މީހުންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން، ޔުނީފޯމުގައި ތިބި ސްކޫލް ކުދިންނަށްވެސް މި ހިދުމަތް ހިލޭ ލިބޭނެއެވެ.

މި ހިދުމަތް ދިނުމަށް 18 ބަސް ބޭނުން ކުރުމަށް ހަމަޖެހިފައިވާއިރު، މާލޭގެ 42 ތަނަކަށް ބަސް މަޑު ކުރާނެއެވެ. ބަސްތައް ދަތުރު ކުރާނީ، އަމީނީ މަގު، ސޯސަން މަގު، މަޖީދީ މަގު އަދި އޯކިޑު މަގުންނެވެ.

ފުރަތަމަ ދެ ހަފްތާއަށްފަހުގައި ބަހުގެ ފީއެއްގެ ގޮތުގައި ހަތް ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.

އާޒިމް ވިދާޅުވީ މިނީ ބަހުގެ ހިދުމަތް ތައާރަފު ކުރުމަށް އެމްޓީސީސީއާ ސަރުކާރުން، މިދިޔަ ޖުލައިމަހުގެ ތެރޭގައި ހަވާލު ކުރީ، އެކުންފުންޏަށް އޮންނަ އިތުބާރެއްގެ ބޮޑު ކަމުން ކަމަށެވެ.