ޖަލުތަކުގައި ތިބޭ ގައިދީން އެހެން ކުށްތަކަށް ދެވިހިފުމުގެ ފުރުސަތު ނުދީ، އިސްލާހުކޮށް، އަލުން އަނބުރާ މުޖުތަމައުއަށް ނެރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 51 ވަނަ އަހަރީ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުށްކުރާ މީހުން އިސްލާހު އަނބުރާ މުޖްތަމައުއަށް ނެރުމަކީ ސަރުކާރުން ކުރަން ނިންމި މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި ރައީސް ވަނީ ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށް، މިމަހުގެ 2 ވަނަ ދުވަހު 32 ގައިދީއަކު އެމީހުންގެ އާއިލާތަކާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމުގެ ނިޒާމަށް އިޞްލާޙީ ބަދަލުތަކެއް ގެންނަން ކުރާ މަސައްކަތަކީ މުޅި މުޖްތަމަޢު އިސްލާހުކުރުމުގެ މަތިވެރި މަގްސަދުގައި ކުރާ މަސައްކަތެއް ކަމުގައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި މަސައްކަތްތަކުގެ ބޭނުމަކީ މުޖްތަމައުގެ ހަމަޖެހުން ގާއިމުކުރުމާއި ކޮންމެ ރައްޔިތަކަށް ވެސް އަމާންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ހޯދައިދިނުންކަމުގައެވެ.

މިކަންކަން ހާސިލުކުރުމަށްޓަކައި ޖަލުތަކަކީ ގައިދީންނަށް ކިޔަވައިދީ، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ތަރުބިއްޔަތުކުރާ ތަނަކަށް ހަދަންޖެހޭކަމަށާއި އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ދޭ ފަރުވާތަކާއި ނަފްސާނީ ފަރުވާ ދެވޭ ތަނަކަށް ވެސް ޖަލު ވާންޖެހޭކަން އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ޖަލަކީ ގައިދީންގެ ކިބައިގައި ހުންނަ މަސައްކަތުގެ ހުނަރާއި ފަންނުވެރިކަން ތަރައްގީކޮށް، މަސައްކަތުގެ އަހުލާގަށް ހާނުވައިދޭ މަރުކަޒަކަށް ވާންޖެހޭކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

ޖަލުތައް ބެލެހެއްޓުމުގެ ނިޒާމަށް ސަރުކާރުން ގެންނަވާ މުހިންމު ބަދަލުތަކަށް އަލިއަޅުވާލައްވަމުން، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދާ އެއްގޮތަށް ހެދި ޖަލުތަކުގެ އޮޑިޓްގައި ފާހަގަކޮށްފައިވާ ހުށަހެޅުންތަކާ އެއްގޮތަށް ޖަލުތަކުގެ ކަންކަން އިސްލާހުކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށާއި ޖަލުތަކުގައި ތޮއްޖެހުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި އ.ދ.ގެ ”މަންޑޭލާ ރޫލްސް“ގެ މިންގަނޑަށް ޖަލުތަކުގެ ކަންތައް އިންތިޒާމު ކުރުމުގެ މަސައްކަތް ފަށައި އެ ހަމަތަކަށް ޖަލު އޮފިސަރުން އަހުލުވެރިކުރުމުގެ ތަމްރީންތައް ހިންގަމުން އަންނަކަން ވެސް ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ޕެރޯލްގެ ދަށުން މުޖްތަމަޢަށް ދޫކުރާ ޤައިދީންނަށް ”ފަހި ފުރުސަތު“ގެ ނަމުގައި އިންޓަރންޝިޕް ޕްރޮގްރާމެއް 2020 ވަނަ އަހަރު ސަރުކާރުން ފަށާފައިވާކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި، މަސްތުވާތަކެތި ބޭނުންކުރާ އަދި އޭގެ ވިޔަފާރިކުރާ ގައިދީންގެ ނުފޫޒާއި ދީނީ ހަރުކަށި ފިކުރުގައި ގައިދީން ޖައްސައިގެން ތަފާތު ކުށްތަކަށް އަހުލުވެރިކުރުމުގެ ނުބައި އޮއިވަރެއް ޖަލުތަކުގައި ހިނގަމުންދާކަން ދާދިފަހުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ޖަލުގައި ކުރި ދިރާސާއަކުން، ދެނެގަނެވިފައިވާކަން ފާހަގަކުރެއްވިއެވެ.

މިކަންކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ދީނީ ހަރުކަށި ފިކުރުގެ މައްސަލަ ހައްލުކުރުމަށް ކަމާ ގުޅުން ހުރި ތަރުބަވީ ޕްރޮގްރާމްތަކެއް ހިންގުމަށްޓަކައި 100 މީހުންގެ ޖާގައިގެ ހާއްސަ ޔުނިޓެއް މާފުށީ ޖަލުގައި ގާއިމުކޮށް، އެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމުގައެވެ. ހަމަ އެހެންމެ ގައިދީން އިސްލާހުކޮށް އަނބުރާ މުޖްތަމައަށް ނެރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޕެރޯލް ނިޒާމު މިހާރަށް ވުރެ ހަރުދަނާކުރުމަށް ޖަލުތަކާއި ޕެރޯލް ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތަކުގެ މަސައްކަތްތައް ވެސް ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މޯލްޑިވްސް ކަރެންޝަނަލް ސަރވިސްއަށް މެދުނުކެނޑި 25 އަހަރު ހިދުމަތްކުރެއްވި މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.