މަތީ ތައުލީމަށް ކިޔަވާ ދަރިވަރުން ހަދާ ކޯސްތަކުގެ ހުރިހާ އިމްތިހާނުތަކަކުން 50 އިންސައްތަ ފާސްވާންޖެހޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ އެކްރިޑޭޝަން އުސޫލަށް ބަދަލުގެންނަން ނިންމައިފިއެވެ.
އެގޮތުން އެހެން މީހަކު ލައްވާ އެސައިމަންޓް ހެދުމާއި އެސައިމަންޓު ނިންމުމަށް އެހީތެރިވެދޭ ބައެއް ޕޭޖުތަކާއި ވެބްސައިތްތައް ބޭނުންކޮށްގެން ވެސް އެސައިމަންޓްތައް ހަދާ މައްސަލަތައް ވަރަށް ގިނައެވެ.
އެކަމަށް ހައްލެއް ހޯދައި، ކޯސް ފުރިހަމަ ކުރާ ދަރިވަރުންގެ ފެންވަރު ކަށަވަރުކުރުމަށް ޓަކައި އެމްކިއުއޭއިން ނިންމީ، އެ ކޯހަކުން ފާސްވުމަށް ޓަކައި އިމްތިހާނުތަކުގައި ބައިވެރިވެ، 50 އިންސައްތަ ފާސްވާންޖެހޭ ގޮތަށް ބަދަލުގެނައުމަށެވެ.
އެ ނިންމުން އެމްކިއުއޭއިން މިހާރު ނިންމާފައިވާއިރު ވަރަށް އަވަހަށް އެ ބަދަލު ގެނެސް އެގޮތަށް އަމަލުކުރަން ފެށޭނެ ކަމަށް އެމްކިޔުއޭއިން ބުނެއެވެ.
އެ ނިންމުން ނިންމާފައި ވަނީ މަތީ ތައުލީމާ ބެހޭ މަރުކަޒުތަކުގެ އިސްވެރިންނާ ވެސް ބައްދަލުކުރެއްވުމަށްފަހުއެވެ.
އެހެންމީހުން ލައްވާ އެސައިމަންޓުތައް ހަދަނީ އާންމުކޮށް އަގު ދީގެންނެވެ.

