އިންޑިއާގެ ބެންގަލޫރަށް ބޯކޮށް ވާރޭ ވެެހި، މަގުތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުން އަންނައިރު، އެތަނުގައި ތިބި ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

Ads by Asuru

އެ މިނިސްޓްރީން ރޭގެވަގުތެއްގައި ބުނީ ބެންގަލޫރުގެ ބައެއް ހިސާބުތަކުގައި މިހާރު ވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ކަމަށެވެ، އަދި މާދަމާ ވެސް ބެންގަލޫރަށް ވަރަށް ބޯކޮށް ވާރޭވެހޭނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި ބެންގަލޫރުގައި ހުންނަ ރާއްޖޭގެ ޖެނެރަލް ކޮންސިއުލޭޓް މެދުވެރިކޮށް އެ ހިސާބުތަކުގައި ދިރިއުޅޭ ދިވެހިންނަށް އަސަރުކޮށްފައިވޭތޯ އާއި އެމީހުންގެ ހާލު ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިހާތަނަށް ގުޅުނު އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ އެއްވެސް ހާލަތެއް ދިމާވެއްޖެ ނަމަ، ހައި ކޮމިޝަންގެ ހޮޓްލައިން ނަންބަރު 919910040786+ އަށް ނުވަތަ ބެންގަލޫރުގެ ޖެނެރަލް ކޮންސިއުލޭޓްގެ ހޮޓްލައިން ނަންބަރު 918022972754+ ގުޅައި، ރިޕޯޓްކުރުމަށް އެދޭ ކަމަށެވެ.