ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އދގެ 79 ވަނަ އާއްމު މަޖިލީހުގައި އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމާ ދެކޮޅަށް ދެއްކެވި ވާހަކަފުޅަށް ބައިނަލްއަޤްވާމީ މީޑިއާތަކުގެ ސަމާލުކަން ލިބިއްޖެއެވެ.
ރައީސް މުޢިއްޒު އަކީ ފެށުނީީއްސުރެ ވެސް، ފަލަސްޠީނުގެ ދިފާޢުގައި އަޑު އުފުއްލަވަމުން ގެންދެވި ވެރިއެކެވެ. އދގައި ތަޤުރީރު ކުރައްވަމުން ވެސް އެމަނިކުފާނު ވަނީ ޔަހޫދީން ހިންގަމުންދާ ޖަރީމާތައް ހުއްޓުވައި، އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް ގޮވައިލައްވައިފައެވެ.
ފަލަސްޠީނުގެ ޙާލަތު އެންމެ ބޮޑަށް ކަވަރު ކުރާ އަލްޖަޒީރާ ނޫހުން ވަނީ ރައީީސް މުޢިއްޒު ދެއްކެވި ވާހަކަފުޅާ ގުޅޭ ޚަބަރު ޝާއިޢު ކޮށްފައެވެ.

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، ފަލަސްޠީނަށް އދގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ވެސް ގޮވައިލެއްވިއެވެ.
އަދި އިޒްރޭލުން ޣައްޒާގެ ޙާލަތު ގެނެސްދޭ ނޫސްވެރިން މަރަމުންދަނީ ޖަރީމާތައް ފޮރުވުމަށް ކަމުގައި ވެސް ރައީީސް މުޢިއްޒު ވިދާޅުވިއެވެ.
އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރައީސް މުޢިއްޒު ވަނީ ފަލަސްޠީނުގެ ރައީސް މަހުމޫދު އައްބާސްއާ ބައްދަލުކުރައްވައި، ދިވެހީން އަބަދުވެސް، ފަލަސްޠީނާއެކުވާކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

