ރާއްޖެއަކީ ކުޑަ ގައުމެއް ކަމުގައި ވިޔަސް، ބައިނަލްއަގުވާމީ މަސްރަހުގައި ހައްގު ބަސްބުނެ އުއްމީދުތަކާއި ހުވަފެންތައް އެހެނިހެން ދައުލަތްތަކުގެ ކުރިމަތީ ހާމަކުރަން ކެރޭ ދައުލަތެއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ސާބިތުކޮށްދެއްވައިފައިވާ ކަމަށް ވެރިކަން ކުރާ ޕީއެންސީން ބުނެފިއެވެ.

ޕީއެންސީން މިހެން ބުނީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ޖަލްސާގައި ރައީސް ދެއްވި ތަގުރީރާ ގުޅިގެން ރޭ ނެރުނު ބަޔާނުގައެވެ.

އެ ޕާޓީން ބުނީ ރައީސް ދެއްވި ތަގުރީރާ މެދު ފަހުރުވެރިވާ ކަމަަށެވެ.

އެ ތަގުރީރަކީ ދިވެހިރާއްޖެއާމެދު އެމަނިކުފާނު ދެކެވަޑައިގަންނަވާ ހުވަފެންފުޅާއި، ގެންގުޅުއްވާ ވަށާޖެހޭ ތަސައްވުރާއި، ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ބޮޑެތި ކަންކަމާއި، މިހާރުން މިހާރަށް ގެންނަންޖެހިފައި ހުރި ނިޒާމީ ބޮޑެތި އިސްލާހުތަކަށް އަލިއަޅުވައިލައްވާފައިވާ ވަރަށް ޝާމިލު ތަގުރީރެއް ކަމަށް އެ ޕާޓީން ބުންޏެވެ.

މުޅި އިސްލާމީ އުންމަތް އެކަމެއްގެ ގިލަންވެރިކަން އިހުސާސްކުރަމުންދާ ފަލަސްތީނު މައްސަލާގައި ސާފު ސަރީހަކޮށް، އިޒްރޭލުން ހިންގަމުންދަނީ ޓެރަރިޒަމުގެ އަމަލުތަކެއްކަން ފާހަގަކުރައްވައި، އެ ޖަރީމާތައް ތަފުސީލުކޮށް ބަޔާންކޮށްދެއްވުމާއެކު، ބައިނަލްއަގުވާމީ ގާނޫނުތަކާއި އދގެ މުއާހަދާތަކާ ހިލާފު އެ އަމަލުތަކާމެދު އިޒްރޭލު ޖަވާބުދާރީ ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ހަރު އަޑުން ގޮވައިލެއްވުމަކީ ކޮންމެ ދިވެހި ދަރިއަކުމެ އެމަނިކުފާނާމެދު ފަހުރުވެރިވާނެ ފަދަ ހިތްވަރުގަދަ އަމަލު ފުޅެއް ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.

އެމަނިކުފާނު ދެއްވި ތަގުރީރަކީ ދިވެހިރާއްޖެއަކީ ކުޑަ ނަމަވެސް ބައިނަލްއަޤުވާމީ މަސްރަޙުގައި ހަމައިސްކޮޅަށް ދެމިލައި، ހައްގު ބަސްބުނެ ރާއްޖޭގެ އުއްމީދުތަކާއި ހުވަފެންތައް އެހެނިހެން ދައުލަތްތަކުގެ ކުރިމަތީ ހާމަކުރަން ކެރޭ، އެކަންކަމަށް ގަދައަޅައި މަސައްކަތްކުރާ ދައުލަތެއްކަން ސާބިތުކޮށްދެއްވި ތަގުރީރެއް ކަމުގައި ވެސް އެ ޕާޓީން ބުންޏެވެ.

އަދި ރާއްޖޭގެ އިގުތިސާދަކީ ވިލުންތެރި އިގުތިސާދަކަށް ބަދަލުކުރެއްވުމަށް އައު ސިނާއަތްތައް ތައާރަފުކުރެއްވުމަށް މާލީ ޚިދުމަތްތަކުގެ ދާއިރާ ފުޅާކުރެއްވުމަށް ޑިވެލޮޕްމެންޓު ބޭންކު ގާއިމު ކުރައްވުމާއެކު، އެންމެންނަށް ހަމަހަމަކަމާއެކު ފުރުސަތު ލިބޭ އިގުތިސާދެއް ބިނާކުރައްވަން ގެންގުޅުއްވާ ސިޔާސަތުތަކާއި، ހުރިހާ ދިވެހިންނަށް ގެދޮރުވެރިކަން ފޯރުކޮށްދީ ސިޔާސަތު އެކުލަވައިލުމުގައި ޒުވާނުންގެ ޝާމިލުވުން ކަށަވަރުކޮށްދެއްވުމަށް އަޅުއްވާފައިވާ ފިޔަވަޅުތައް މުޅި ދުނިޔެއަށް އިއުލާނުކުރެއްވުމަކީ އެ ސިޔާސަތުތަކަށް ދިވެހި ރައްޔިތުންގެ އިތުބާރު އިތުރުވި ކަމެއް ކަމުގައި އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.