މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ އަންނަ ހަފްތާގެ ނިޔަލަށް ދައްކައި ހަލާސް ކުރާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން އިއްޔެ ބުނީ މިމަހުގެ ކުރީކޮޅުން ފެށިގެން މަސްދޯނިތަކަށް ޕެންޑިން ބިލުތަކާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާ މިފްކޯއިން ވަނީ މަޝްވަރާކޮށްފައި ކަމަށެވެ.

ބުނީ އެ މަޝްވަރާތަކުގެ އަލީގައި އެ ފައިސާ ދިނުމަށް މިވަގުތު ހައްލެއް ހޯދިފައިވާ ކަމަށް މިފްކޯ އިން ބުންޏެވެ.

މިފްކޯއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ އަމާޒަކީ މި ފައިސާ އަންނަ ހަފުތާގެ ނިޔަލަށް އެއްކޮށް ދައްކައި ހަލާސްކުރުން ކަމުގައި ވެސް އެ ކުންފުނިން ބުންޏެވެ.

ސަރުކާރުން ދަނީ މިފްކޯއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުން ކަމަށް އެ ކުންފުނިން ބުންޏެވެ.

މިފްކޯއިން މައުލޫމާތު ދީފައިވާ ގޮތުގައި އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިއަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައެވެ.