އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމު ހުއްޓާލަން ޖެހޭ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ސައުތު އެފްރިކާއިން އިޒްރޭލާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަނުމަށް ހުށަހަޅަންޖެހޭ “އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް އިން ދަ ގާޒާ ސްޓްރިޕް“ މި މައްސަލައަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ އޭޖެންޓް، ބަންޑާރަނައިބު އަހްމަދު އުޝާމްގެ ފަރާތުން މިއަދު އައިސީޖޭ އަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ.
މިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކަށް އިޒްރޭލު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށާއި، ގާނޫނުގެ ވެރިކަން ނަގަހައްޓަން ޖެހޭ ކަމަށެވެ.
ރާއްޖެއިން އަބަދުވެސް އިންސާނިއްޔަތާއި، އިންސާފާއި، ހަމަޖެހުމަށް ތާއީދު ކުރާ ކަމަށާއި، އެކަމުގެ ތެރެއިން، ރާއްޖެ އަބަދުވެސް ފަލަސްޠީނުގެ ރައްޔިތުންނާއެކުގައި ވާނޭ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީީސް ވަނީ ފަލަސްޠީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.
ރާއްޖެއިން ތަދައްހުލުވާން ހުށަހެޅި މައްސަލައިގައި ދެކުނު އެފްރިކާއިން ހުށަހެޅީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ، 1948 ވަނަ އަހަރުގެ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ޖެނޮސައިޑް ކޮންވެންޝަން) އާ ހިލާފު އަމަލުތަކެއްކަމަށެވެ.
ދިވެހިރާއްޖެއިން މިއަދު ހުށަހެޅި އިންޓަރވެންޝަން ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން “އިންސައިޓްމަންޓް ޓު ކޮމިޓް ޖެނޮސައިޑް” އަދި “ޑިއުޓީ ޓު ޕަނިޝް ދަ އިންސައިޓްމަންޓް އޮފް ޖެނޮސައިޑް” މާނަކޮށްފައިވާ ގޮތާ ގުޅޭގޮތުންނެވެ.