ބިދޭސީން ފިލައިގެން ނުވަތަ ގެއްލިގެން ހޯދަން ހުށަހަޅާ ”މިސިން ރިޕޯޓް“ އަނބުރާ ގެންދާނަމަ 10،000 ރުފިޔާގެ ފީއެއް ނަގަން ފަށަން ހޯމް މިނިސްޓްރީން ނިންމައިފިއެވެ.
ހޯމް މިނިސްޓްރީގެ އިއުލާނުގައިވަނީ، އެ ގަވައިދުގައި ބިދޭސީން ފިލައިފި ނަމަ ނުވަތަ ގެއްލިއްޖެ ނަމަ އަމަލުކުރާނެ ގޮތުގެ އުސޫލުގައި ބަޔާންކޮށްފައިވާ ބައެއް ފީތައް އަންނަ އާދިއްތަ ދުވަހު ނަގަން ފަށާނެ ކަމަށެވެ. އެގޮތުން ވަޒީފާ އަދާކުރުމަށް ގެނެސްފައިވާ ބިދޭސީއަކު ފިލައިފި ނަމަ ނުވަތަ ގެއްލިއްޖެ ނަމަ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މިސިން ރިޕޯޓް ރިކުއެސްޓެއް ހުށަހަޅަން ޖެހޭނެ ކަމަށާއި އެފަދަ ކޮންމެ ރިކުއެސްޓަކަށް އަންނަ އާދިއްތައިން ފެށިގެން 1،000 ރުފިޔާ ނަގާނެ ކަމަށް އިއުލާނުގައިވެއެވެ.
ހަމައެއާއެކު، ވަޒީފާ ދޭ ފަރާތުގެ އިހުމާލުން ވޯކް ޕާމިޓް ހުއްދައިގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކު ފިލައިފި ނަމަ ނުވަތަ ގެއްލިއްޖެ ނަމަ، 2،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް އިއުލާނުގައިވެއެވެ.
ހޯމް މިނިސްޓްރީން ވަނީ، ބިދޭސީން ފިލައިގެން ނުވަތަ ގެއްލިގެން މިހާރު ހުށަހަޅައިފައިވާ ރިޕޯޓުތައް އަނބުރާ ގެންދިޔުމަށް އަންނަ އާދިއްތަ ދުވަހު ހުޅުވާލާނެ ކަމަށާއި އެކަމަށް 30 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ.
އެ މުއްދަތު ހަމަވުމަށް ފަހު، މިސިން ރިޕޯޓު ރިކުއެސްޓެއް އަނބުރާ ގެންދިޔުމަށް ވަޒީފާ ދޭ ފަރާތުން ހުށަހަޅައިފި ނަމަ އެކަމަށް 10،000 ރުފިޔާގެ ފީއެއް ނަގާނެ ކަމަށް އިއުލާނުގައިވެއެވެ.
އަދި އަންނަ އާދިއްތައިގެ ފަހުން ބިދޭސީން ފިލައިގެން ނުވަތަ ގެއްލިގެން ހުށަހަޅާ ރިޕޯޓުތައް އަނބުރާ ގެންދިޔުމަށް ހަތް ދުވަސް ދޭނެ ކަމަށާއި، އެ ރިކުއެސްޓްތައް ވެސް ހަތް ދުވަސް ފަހުން އަނބުރާ ގެންދާނަމަ 10،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ގަވައިދުގައިވެއެވެ.
ހޯމް މިނިސްޓްރީން ވަނީ، ބިދޭސީން ހޯދަން ރިޕޯޓު ހުށަހެޅުމާ ގުޅޭ މައުލޫމާތު އެކްސްޕެޓް ސިސްޓަމުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ލިބޭނެ ކަމަށާއި އިތުރު މައުލޫމާތު 1500އަށް ގުޅުމުން ލިބޭނެ ކަމަށް ބުނެފައެވެ.

