ހުޅުމާލޭގެ ދެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އހުޅުމާލޭގެ ދެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މި ރެއިޑުގައި 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
އަދި އަލަށް އިމިގްރޭޝަނަށް ވަންނަ އޮފިސަރުންނަށް ދޭ ހާއްސަ ތަމްރީނުގެ ދަށުން މި ރެއިޑުގައި ”އިމިގްރޭޝަން އޮފިސާ ޓްރެއިނީސް“ ބައިވެރިވެފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަންއިން ވަނީ މިދިޔަ އާދިއްތަ ދުވަހު ހުޅުމާލޭގައި މާސް އިންސްޕެކްޝަންއެއް ކުރިއަށް ގެންގޮސްފައެވެ. މި އިންސްޕެކްޝަންގައި ހުޅުމާލޭގެ ޖުމްލަ 314 ތަން ބަލައި ފާސްކޮށް 769 ބިދޭސީންނާ ސުވާލުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން ބުނެފައި ވަނީ މި އިންސްޕެކްޝަންގައި ސުވާލު ކުރެވުނު ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީން ހިމެނޭހެން 28 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި ވިސާ ފުރިހަމަ ނޫން 165 ބިދޭސީންނަށް އިމިގްރޭޝަންއަށް ހާޒިރުވުމަށް ނޯޓިސްދީފައިވާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

