ތުއްތު ދަރިފުޅު ގިނައިން އުރައިގެން އުޅުމަކީ، އެ ދަރިފުޅާއި މަންމައާ ދެމެދު އޮންނަ ގާތްކަން ވަަރަށް ބޮޑަށް އިތުރުކޮށްދޭނެ ކަމެއްކަން، އަލަށް މަންމައަކަށްވާ މީހަކަށްވެސް އެނގޭނެއެވެ. މިއީ ކުއްޖާގެ ހެދިބޮޑުވުމަށް އެހީތެރިވެދޭ، މުހިންމު ކަމެއް ކަމުގައި ސިއްހީ ލިޔުންތަކުގައި ފާހަގަކޮށްފައިވެެެއެވެ.

Ads by Asuru

ތުއްތު ކުއްޖާއަށް މަސާޖެއް ދިނުމަކީ މިގޮތުން ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ. މިއީ ދިވެހީންވެސް ޒަމާނުއްސުރެ ކޮށް އުޅޭ ކަމެކެވެ. ދަރިފުޅު ފެންވެރުވުމަށްފަހުގައި ކޮންމެވެސް ކަހަލަ ތެލަކުން މަސާޖު ކުރުމަކީ ކުރީ ޒަމާނުގައިވެސް ކަން ކޮށް އުޅުނު ގޮތެވެ.

މަސާޖު ކުރުމުން ތުއްތު ދަރިފުޅަށް ލިބޭ ފައިދާ ތަކަކީ ކޮބާ؟

ޔުނިވަރސިޓީ އޮފް މަޔާމީ ސްކޫލް އޮފް މެޑިސިންގައި ޓަޗް ރިސާޗް އިންސްޓިޓިއުޓުން ހެދި ދިރާސާއެއްގައިވާ ގޮތުން، ނިންދެވުމުގެ ކުރިން ތުއްތު ދަރިފުޅަށް 15 މިނެޓެއްހާއިރުގެ މަސާޖެއް ދިނުމަކީ ދަރިފުޅަށް ރަނގަޅަށް ނިދޭ ކަމެކެވެ. މިއީ ނާނާއެއް ކިޔައިދިނުމަށްވުރެ، ދަރިފުޅަށް ނިދަން ފަސޭހަ ގޮތެއްކަންވެސް އެ ދިރާސާއިން ހާމަވިއެވެ.

އެ ދިރާސާއިން އިތުރަށް ހާމަވީ ކަމަކީ، ބަރުދަން ލުއި ތުއްތު ކުދިން، ދުވާލަކު ތިން ފަހަރު(15 މިނެޓް ވަންދެން) މަސާޖު ކުރަމުންދާނަމަ، އެ ކުދިންގެ ބަރުދަން އިތުރުވުމަށް މަގުފަހިކުރުވާ ކަމެވެ. މިފަދަ ކުދިން، މަސާޖު ނުކުރާ ކުދިންނަށްވުރެ، ބަރުދަން އިތުރުވާ މިންވަރު، 47 އިންސައްތަ އިތުރު ކަމަށްވެސް އެ ދިރާސާއިން ހާމަވިއެވެ.

މީގެއިތުރުން، ތުއްތު ދަރިފުޅު މަސާޖު ކުރުމަކީ ބަނޑުހަރުވުމާއި، ގޭހުގެ މައްސަލަތަކަށްވެސް ހައްލެއްކަން އެ ދިރާސާއިން ވަނީ ފާހަގަކުރެވިފައެވެ.

މަސްދަރު: މި ލިޔުމަށް މައުލޫމާތު ނެގީ ”ހެލްތީވުމެން ޑޮޓް އޯގް“ އިންނެވެ.