ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހުގައި 1.32 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

Ads by Asuru

މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 3.6 އިންސައްތަ އިތުރު އަދަދެކެވެ.

އެ އިދާރާއިން ބުނީ، މިއީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު އަންދާޒާކޮށްފައިވާ މިންވަރަށްވުރެ 5.4 އިންސައްތަ އިތުރުވެފައިވާ ކަމަށް ވެސް މީރާއިން މައުލޫމާތުދެއެވެ. މިކަމުގެ ސަބަބުން ޓި.ޖީ.އެސް.ޓީ އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ.

މިއަހަރުގެ އޯގަސްޓްމަހުގެ އާމްދަނީ އިތުރުވުމުގެ ސަބަބުތަކުގެ ތެރޭގައި، އިންކަމް ޓެކްސްގެ ކުރީގެ ޑެޑްލައިންތަކުގައި ލިބެންޖެހޭ އާމްދަނީ އޮގަސްޓު މަހުގައި ލިބިފައިފުން ހިމެނޭ ކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން، މީރާއިން މައުލޫމާތު ދޭ ގޮތުގައި، އޮގަސްޓު 2022 ގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ އޮގަސްޓު 2021 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮގަސްޓު 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ. މި ފީ އޮގަސްޓު 2021 ގައި ލިބިފައެއް ނުވެއެވެ.