ރާއްޖެއަށް ވޭޕް އެތެރެކޮށް ވިއްކުމާއި ބޭނުން ކުރުން މަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް ގިނަ ބަޔަކު ތައުރީފު ކުރަމުންދަނީ ސަބަބެއް ނެތިއެއް ނޫނެވެ.

އެމަނިކުފާނުގެ އެ ނިންމެވުމަށް ރައްޔިތުން ދިޔައީ އިންތިޒާރު ކުރަމުންނެވެ. ވޭޕް ކުރުމުން ސިއްހީ ގޮތުން އެތައް ގެއްލުމެއް ލިއްބައިދެއެވެ.

ފުރާވަރުގެ ކުދިން ވޭޕް ކުރުމަކީ ނިކޮޓީން އެޑިކްޝަނުން ސަލާމަތްވުމަށްވުރެ ނިކޮޓީން އެޑިކްޝަނަށް މަގުފަހިވާނެ މަގެއް ކަމަށް ބުނެ ތަޖުރިބާކާރުން ވަނީ މިފަހުން އިންޒާރު ވެސް ދީފައެވެ.

މިއީ ފެޝަނަކަށް ހަދައި، ޒުވާނުން އެ ވަބާގައި ޖައްސަމުންދާއިރު، މަސްތުވާތަކެތި އެތެރެކޮށް، އެ ބޭނުންކުރަން ހިތްވަރުދޭ ވަސީލަތަކަށް ވެސް ވޭޕް ވަނީ ހަދައިފައެވެ.

ރައީސް މުއިއްޒު އިއްޔެ އެކްސްގަައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެމަނިކުފާނު އަންގަވާފައިވާ ކަމަށެވެ.

ރައީސް މިފަދަ ނިންމެވުމެއް ނިންމެވިއިރު، ރާއްޖޭގައި ދުންފަތުގެ ބާވަތްތަކާއި ވޭޕް މަނާ ކުރުމަށް ސިއްހީ ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ގޮވައިލައިފައެވެ.

ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކޮށްދިނުމަށް އެދި އެންސީޑީ އެލަޔަންސުން ވެސް ރައީސް މުއިއްޒުގެ އަރިހުގައި ވަނީ އެދިފައެވެ.

މިއީ އަންނާން އޮތް ޖީލު، ބޮޑު ވަބާއަކުން މިންޖު ކުރުމަށް އެމަނިކުފާނުގެ ދުރުވިސްނުންފުޅާއެކު ނިންމެވި ވަރަށް މުހިންމު ނިންމެވުމެއް ކަމަށް، މި ނިންމެވުމާ ގުޅިގެން ޝުއޫރުފާޅު ކުރާ ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.

ވަރަށް ގިނަ، ޅަ އުމުރުގެ ކުދިންނާއި ޒުވާނުން ވޭޕް ކުރަމުންދާއިރު، މިކަން ހުއްޓުވައިދޭން އެދެމުންދިޔަ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެސް ދަނީ ސަރުކާރުގެ މި ނިންމުމަށް ”ސާބަސް“ ދެމުންނެވެ.

”ރައީސް އެ ނިންމެވީ ޝުކުރު ހައްގު ނިންމުމެއް. ވޭޕް ކުރުމުގެ ނުބައިކަމުގައި ދަރިން ޖެހިދާނެތީ ގަނެފައިވާ ބިރު ފިލައިގެން ހިނގައްޖެ.“ މީހަކު ފޭސްބުކްގައި ލިޔުނެވެ.

އިތުރު މީހަކު ބުނީ، ސަރުކާރުން އެ ނިންމެވީ، ފާއިތުވި ސަރުކާރުތަކަށް ނިންމަވަން ނުކެރުނު ”ގަޓުހުރި“ ނިންމެވުމެއް ކަމަށެވެ.

”ރައީސް މުއިއްޒު ރައްޔިތުންގެ ހައްގުގައި ތިޔަ ނިންމެވީ ގައުމީ ނިންމުމެއް.“ މީހަކު ބުނެފައިވެއެވެ.

އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިތައް ކުޑަކުދިންނަށް ވިއްކައިފި ނުވަތަ ބަހައިފި ނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް މިހާރު ވަނީ ޑްރާފްޓްކޮށްފައެވެ.

ވޭޕު ކުރުމަށް ބޭނުން ކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެ ކުރުމާއި ބޭނުން ކުރުމާއި ގެންގުޅުމާއި ވިއްކުމާއި އިޝްތިހާރު ކުރުމާ އަދި ހިލޭ ބެހުން އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާ ކުރުމަށް އިއްޔެ ރައީސް މުއިއްޒު ނިންމެވިއިރު، އެކަމާ ގުޅިގެން ބަންޑާރަ ނައިބު، އަހުމަދު އުޝާމް ވިދާޅުވެފައިވާ ގޮތުގައި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް މި ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލިހަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމުގައެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅަން ނިންމާފައިވާ ބިލު ޑްރާފްޓުކޮށްފައި ވަނީ އީ-ސިނގިރެޓާއި ވޭޕްގެ ވިޔަފާރިކުރާ މީހުންނަށާއި އެތަކެތި އިސްތިއުމާލުކުރާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ފަަދަ ގޮތަކަށެވެ.

އެގޮތުން އީ-ސިނގިރެޓާއި ވޭޕް ކުރަން ބޭނުންކުރާ އާލަތްތަކާއި އޭގެ ބައިތައް އަންނަ އަަހަރުގެ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުމަކީ މަނާ ކަމެއް ކަމުގައި ވަނީ ބަޔާންކޮށްފައެވެ.

އަދި އެޕްރީލް ހަތް ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އުފެއްދުމާއި ވިއްކުމާއި ހިލޭ ބެހުމާއި ގެންގުޅުމާ އަދި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

ވޭޕް ކުރުމަކީ ކެންސަރު ފަދަ ބޮޑެތި ބަލިތައް ޖައްސާ ކަމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން މިއަދު ވަނީ ބުނެފައެވެ.

އެ އެޖެންސީން މިހެން ބުނީ، ހޭލުންތެރި ކުރުވުމުގެ ގޮތުން މީސްމީޑިއާގައި އާއްމު ކުރި ޕޯސްޓެއްގައެވެ.

އެޗްޕީއޭ އިން ބުނީ، ވޭޕް އަކީ ދުންފަތުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އެއްޗެއް ކަމަށާއި، ނިކޮޓިން އާއި އިތުރު ގެއްލުންދެނިވި މާއްދާތައް އޭގައި އެކުލެވޭ ކަމަށެވެ.

ރާއްޖޭގައޮ ވޭޕް ކުރުން މަނާ ކުރުމަކީ ސިއްހީ ބޮޑު ނުރައްކަލަކުން ޖީލެއް ސަލާމަތް ވެގެންދިޔުމަށް މަގުފަހިވެގެންދާނެ ކަމެއްކަން ޔަގީނެވެ.