ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތްކޮށްފިނަމަ ކުށްމަދު ގައުމަކަށް ރާއްޖެ ވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު ވިދާޅުވީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުވުން މުހިންމު ވަނީ، މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި، އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި، ޖިނާއީ ކުށްކުރުން ހުއްޓުވައި ތަހުގީގުކޮށް، ގާނޫނު ތަންފީޒުކުރުމުގެ އިތުރުން ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި، އިހުތިޔާރު ލިބިފައިވާ ފުލުހުންގެ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
ފުލުހުންގެ ހިދުމަތުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އަމަލުކުރާ މައިގަނޑު އަސާސަކީ ކުށްވިޔަ ނުދިނުމަށް މުޖުތަމައާ ގުޅިގެން މަސައްކަތްކުރުން ކަމަށާއި ކުށް ފާޅުވުމުގެ ކުރިން، ކުށް އުފެދުމަށް ހުރި ހުރަސްތައް ނައްތާލަން މަސައްކަތްކުރުމާއި ރައްޔިތުންނާއި ފުލުހުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާތަން ކެންދޫ އިން ފެންނަ ކަމުގައި ވެސް ސީޕީ ވިދާޅުވިއެވެ.

