ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މުވައްޒަފުން އަމިއްލައަށް އެ ކުންފުނީގެ ބިޒްނަސް ސެންޓަރުގެ މަސައްކަތް ކުރުމުން 13 މިލިއަން ރުފިޔާ ސަލާމަތް ކުރެވިއްޖެއެވެ.
މިކަން ހާމަކުރައްވައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ލީޑަރޝިޕްގެ ދަށުން، ސްޓެލްކޯ މޯލްޑިވްސްގެ ބިޒްނަސް ސެންޓަރުގެ މަސައްކަތް ނިމުމަކާ ކައިރިވެފައިވާ ކަމަށެވެ.
މި އިމާރާތަކީ 7,500 އަކަފޫޓުގެ ބޮޑުމިނުގެ ދެ ބުރީގެ އިމާރާތެކެވެ.
އެ ތަން އިމާރާތް ކޮށްފައިވަނީ ސްޓެލްކޯގެ މުވައްޒަފުން އަމިއްލައަށެވެ.
މި މަޝްރޫއު ބީލަމަށް ދިޔަނަމަ ހޭދަވީސް ކަމަށް ލަފާކުރެވޭ 13 މިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.
މި ސެންޓަރުގައި އިންޖީނުތަކާއި، ޓްރާންސްފޯމަރުތަކާއި، ކޭބަލްތަކާއި، އަދި އާ އަދި އިއާދަކުރަނިވި ހަކަތައަށް ބޭނުންވާ ފުރިހަމަ ހައްލުތައް ފޯރުކޮށްދޭނެއެވެ.
ފަހުމީ ވިދާޅުވީ ސްޓޯރޭޖް ސިސްޓަމްތައްވެސް މި ސެންޓަރުގައި ހިމެނޭނެ ކަމަށާއި، މިއީ ދިވެހިރާއްޖެއަށް ދިމާވެދާނެ ކުއްލި ހާލަތްތަކަށް ރަނގަޅަށް ތައްޔާރުވުމަށް ކުރެވޭ ކަމެއް ކަމަ ކަމަށެވެ.
ފަހުމީ އިތުރަށް ވިދާޅުވެފައިވަނީ، މި ކުރިއެރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމަށް ވަރުގަދަ އަދި ރައްކާތެރި ހަކަތައިގެ މުސްތަޤުބަލެއް ގެނެސްދިނުމަށް ކުރައްވާފައިވާ ވައުދާ އެއްގޮތަށް ކުރެވިފައިވާ ކަމެއް ކަމަށެވެ.

