އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތައް ހިމެނޭ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ ދެ މަގާމަކަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ މެންބަރު އަސްމާ ރަޝީދުއާއި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އިންތިހާބުވެއްޖެއެވެ.
މިހާރު ޖެނީވާގައި ކުރިއަށްދާ އައިޕީޔޫގެ 149 ވަނަ އެސެމްބްލީގައި އަސްމާ އިންތިހާބު ކޮށްފައިވަނީ އައިޕީޔޫގެ ހައި-ލެވެލް އެޑްވައިޒަރީ ގްރޫޕް އޮން ކައުންޓަރިން ޓެރަރިޒަމް އެންޑް ވަޔޮލެންޓް އެކްސްޓްރީމިޒަމްގެ އޭޝިޔާ ޕެސިފިކް ސަރަޙައްދު ތަމްސީލު ކުރެއްވުމަށެވެ.
އަދި ސައުދާ ހޮވައިފައިވަނީ ޔަންގް ޕާލަމެންޓޭރިއަންސް ފޯރަމްގައި އޭޝިޔާ ޕެސިފިކް ސަރަޙައްދު ތަމްސީލް ކުރެއްވުމަށެވެ.
އެ ދެ މަގާމަކީ ވެސް އޭޝިޔާ ޕެސިފިކް ސަރަހައްދުގެ އަންހެން މެންބަރުންނަށް ހުޅުވާލި ދެ މަގާމެކެވެ.
ޔަންގް ޕާލަމެންޓޭރިއަންސް ފޯރަމްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާނޫނުހަދާ މަޖިލިސްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަކާލާތުކުރުމަށް އައިޕީޔޫގައި އުފައްދާފައިވާ ހާއްސަ ޕްލެޓްފޯމެކެވެ.
ގާނޫނުހަދާ މަޖިލިސްތަކުގެ ޖުމްލަ މެންބަރުންގެ ތެރެއިން ޒުވާނުންގެ ނިސްބަތަކީ ތިން އިންސައްތައަށްވުރެ ކުޑަ އަދަދަކަށްވާތީ، ގާނޫނުހަދާ މަޖިލިސް ތެރޭގައާއި ދުނިޔޭގެ މައިދާނުގައިވެސް ސިޔާސީ ނިންމުންތައް ނިންމުމުގައި އެމީހުންގެ އަޑު އިއްވުމުގައި މި ފޯރަމްއިން އިސް ދައުރެއް އަދާކުރެއެވެ.

