ޖުވާ ކުޅުމަކީ މީހާ ބަނގުރޫޓުވެ ދަރަނިވެރިވާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ޖުވާ ކުޅުމުގެ ނުބައިކަމާ ގުޅޭގޮތުން މިއަދުގެ ހުތުބާގައި ބުނީ މީސްތަކުންގެ މުދާތަކަށް ނުޙައްގުން އަރައިގަތުމަށާއި ބާތިލު ގޮތުގައި އެތަކެތި ކެއުމަށްޓަކައި މިއަދު ތަފާތު ވައްތަރުތަކާއި އާ ގޮތްތައް ހޯދާފައިވާ ކަމަށެވެ.
އިސްލާމްދީނުގައި ޖުވާ ކުޅުން ޚަރާމް ކުރެއްވީ، އެއިން ފަރުދުންނަށާއި މުޖުތަމައުއަށް ލިބޭ ގެއްލުމާއި އެ ކަމުގައި ހިމެނޭ ފަސާދައިގެ ބޮޑު ކަމުން ކަމަށާއި ޖުވާގެ އަވައިގައި ޖެހި މާތް ރަސްކަލާނގެ ހަނދުމަކުރުން މަތިން ހަނދާންނެތި ނަމާދު އަޅައި ހައްގުތަކާއި ވާޖިބުތައް ދޫކޮށްލާއިރު، ޖުވާ ކުޅުމުގެ ސަބަބުން އަތްމަތި ދަތިވެ މީހާ ބަނގުރޫޓުވެ ދަރަނިވެރިވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ޖުވާކުޅުމަކީ ކަންނެތްކަމަށް ގޮވައިލާ ކަމެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
ޖުވާކުޅޭ މީހުން އެ ކަން ކުރަނީ ފަސޭހައިން އަވަހަށް މުއްސަނދިވުމުގެ ބޭނުމުގައި ކަމަށްވާއިރު ހެޔޮ ގޮތަކީ ޙަލާލު މަސައްކަތުން ފައިސާ ހޯދައި ލިބޭ މިންވަރުން ފުއްދައިގެން އުޅުން ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.
ޖުވާ ކުޅުމުގެ ބާވަތްތަކުގެ ތެރޭގައި ބާޖުމެރުން ނުވަތަ ބެޓުކުރުން ހިމެނޭ ކަމަށާއި މިއަދު ބައެއް ގައުމުތަކުގައި ޖުވާ ވަރަށް ތަފާތު ސިފަސިފައިގައި ފެތުރިފައިވާއިރު ލޮޓަރީއާއި ޖެކްޕޮޓަކީ ޖުވާގެ ޒަމާނީ ބާވަތްތައް ކަމަށް ބުނެފައިވެއެވެ.
މިކަމަށްޓަކައި ހާއްސަ ނާދީތަކާއި މަރުކަޒުތައް ގާއިމުކޮށްފައިވާ ކަމަށާއި މި ތަންތަނަށް މުއްސަނދީންނާއި ފަގީރުން ވަދެ އެ ޙަރަކާތްތަކުގައި ބައިވެރިވާއިރު، ޖުވާގެ ނަން ބޭނުންނުކޮށް ރީތި ނަންނަމުގައި އިބިލީހުގެ މި އަނދަވަޅުތައް ކޮންނަމުންދަނީ މުސްލިމުންގެ ދީނީ ޝިއާރުތަކާ ދުރުހެލިކޮށް ޝައިތާނާގެ އެކުވެރީންނަށް ހެދުމަށްޓަކާ ކަމަށް ބުނެފައިވެއެވެ.

