މި އަހަރުގެ ހަރަދުތައް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހާމަކުރައްވައިފިއެވެ.
މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ.
އެމްޑީޕީގެ ވެރިކަމުގެ ފަހު އަހަރު ވެސް ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހެޅިއެވެ. އެ ފަހަރު ފާސްކުރީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެކެވެ.
ކުރީ ސަރުކާރުން ހަރަދުތައް ކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަޝްރޫއުތައް ހިންގަން ބޭރުން ދިން ފައިސާގެ ތެރެއިން ދެ ބިލިއަނެއްހާ ރުފިޔާ ނިމުނު އަހަރު ރެކޯޑުކޮށްފައި ނެތުމުން އެކަމުގައި އިހުމާލުވާ މީހުންނާ ދެކޮޅަށް މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ.

