ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާ ކުރަން ނިންމާފައިވާއިރު އޭގެ ކުރިން އެތެރެކުރާ ތަކެތިން ޑިއުޓީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަނެ މުޅި މަޖިލީސް ކޮމިޓީއަށް ފޮނުވައިފިއެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން އެ ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހީމް މުހައްމަދެވެ.
މިއަދު އެ ބިލުގެ ބަހުސް ކުރިއަށް ގެންގޮސް ވަނީ ވޯޓަށް އަހާފައެވެ.
އެ ބިލު ބަލައިގަތުމަށް ފާސްވެފައިވަނީ 65 މެންބަރުންގެ ވޯޓާއެކުއެވެ. ބިލާ ދެކޮޅަށް ތިން މެންބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ މެންބަރަކު ވެސް ހިމެނެއެވެ.
ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން ނޮވެންބަރު 15 އިން ފެށިގެން މަނާ ކުރަން ވަނީ ނިންމާފައެވެ.
އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެންބަރު 15 އިން ފެށިގެން މަނާކުރުމަށް ކުރަން ވެސް ވަނީ ނިންމާފައެވެ.
ބިލުގައި ބުނެފައިވަނީ ކޮންމެ ސިނގިރޭޓަކާއި ބިޑިއަކުން ޑިއުޓީ ގޮތުގައި އަށް ރުފިޔާ ނަގާނެ ކަމަށާއި ވޭޕްފަދަ ތަކެއްޗަށް އަޅާ ފްލޭވާތަކުން ކޮންމެ މިލި ލީޓަރަކަށް އަށް ރުފިޔާގެ މަގުން ޑިއުޓީ ނަގާނެ ކަމަށެވެ.

