އެއް މިލިއަން ޑޮލަރަށްވާ ފައިސާ ލިބުނު ކަމަށް ޔޫސުފް ނައީމް ވިދާޅުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވައިިފިއެވެ.

Ads by Asuru

ވ. އާރަށުގެ މައްސަލާގައި، އިދިިކޮޅު ލީޑަރު، އަދި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީލޯންޑަރ ކުރެއްވި ކަމަށާއި، ރިޝްވަތު ގަބޫލުކުރެއްވި ކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައެވެ. އެމަނިކުފާނުގެ އިތުރުން މި މައްސަލާގައި ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައެވެ. އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ދިން ކަމުގެ ދައުވާއެވެ.

މި މައްސަލައިގައި މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި އޮތީ ރައީސް ޔާމީންގެ ދިފާއުގައި ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ. މިއަދު ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު، މުހައްމަދު އިސްމާއީލްވެސް ހެކި ބަސް ދެއްވިއެވެ.

ދިފާއުން މުހައްމަދު އިސްމާއީލާއި ޝާޑު ހެކިވެރިންގެ ގޮތުގަގައި ހުށަހެޅީ އާރަށު މުއާމަލާތާ ގުޅިގެން ދައުލަތުން ރައީސް ޔާމީނަށް ކުރާ ދައުވާ އަކީ އަސްލެއް ނެތް ދައުވާއެއްކަމަށް ސާބިތުކޮށްދިނުމަށާއި، ދައުލަތުން ދައުވާ ކުރާ އެއް މިލިއަން ޑޮލަރަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްކަން ސާބިތު ކުރުމަށެވެ.

މިއަދު ދެއްވި ހެކިބަހުގައި ޝާޑު ވަނީ، އޭނާ ރައީސް ޔާމީން ދަންނަނީ ގާތް ރައްޓެއްސެއްގެ ގޮތުންކަން ފާހަގަކުރައްވައި ޔޫސުފް ނައީމަކީވެސް ދަންނަ ރައްޓެއްސެއް ކަމަށް ވިދާޅުވެފައެެވެ.  މުހައްމަދު އިސްމާއީލްއަކީ ވެސް ރައްޓެއްސެއްކަން ޝާޑު ފާހަގަކުރެއްވިއެވެ.

އެގޮތުން، މުހައްމަދު އިސްމާއިލަކީ ރައީސް ޔާމީންގެ އަރިސް ބޭފުޅެއްކަން ފާހަގަކުރައްވައި، ޝާހިދު ވަނީ ފައިސާގެ އެކި ކަންކަމުގައި ރައީސް ޔާމީން މުހައްމަދު އިސްމާއިލަށް ގުޅުއްވާ ހައްދަވާ ކަމަށް ވިދާޅުވެފައެވެ.

މުހައްމަދު އިސްމާއިލާ ދެމީހުން އެކުގައި ތިއްބާ ޔާމީންގެ ފޯނެއް މުހައްމަދު އިސްމާއިލަށް އައި ކަމަށާއި، ރައީސް ޔާމީން އެދިވަޑައިގަތީ އެއްމިލިއަން ޑޮލަރު ވިއްކާނެ މީހަކު ހޯދުމަށް ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި ކަަމަށެވެ. އޭގެފަހުން މުހައްމަދު އިސްމާއިލް އެކި ފަރާތްތަކާ ގުޅުއްވި ކަމަށާއި، އޭގެތެރޭގައި ޔޫސުފް ނައީމުވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން ތިން ހެއްކެއްގެ ހެކިބަސް ނަގާފައިވެއެވެ.