ސަރުކާރުން ހުދު މުހުތާރު ވެރިކަމަކަށް މިސްރާބު ޖަހާފައިވާކަމުގެ ރަނގަބީލު ޖަހާފައިވާ ކަމަށް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވެއްޖެއެވެ.
ރައީސް އިއްޔެ ވަނީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި ޝަރުއީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން ދިހަ ޕަސަންޓް އުނިކުރުމަށް ނިންމަވައިފައެވެ. އަދި އެމަނިކުފާނުގެ މުސާރައިން 50 އިންސައްތަ އުނި ކުރުމަށް ވެސް ނިންމެވިއެވެ.
އޭގެ އިތުރުން ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށްދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމަށް ރައީސް ވަނީ ނިންމަވައިފައެވެ.
ރައީސް ވިދާޅުވެފައިވަނީ އެ ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާކުރާނެ ކަމަށެވެ.
މިކަމާ ގުޅިގެން ޝާހިދު އެކްސްގައި ވިދާޅުވީ، ސަރުކާރުގެ ބޭކާރު އިސްރާފު ހަރަދުތައް ކުޑަ ނުކޮށް، ރައްޔިތުން އަތުން ޓެކްސް ބޮޑުކޮށް، ހަމަ އެ ރައްޔިތު މީހާގެ މުސާރައިން ބައެއް ނެގުމަށް ނިންމިކަމީ، ރައްޔިތުން ދޫކޮށް އަމިއްލަ ޖާހަތަށް ހުދުމުހުތާރު ވެރި ކަމަކަށް ސަރުކާރު މިސްރާބުޖެހި ކަމުގެ ރަނގަބީލެއް ކަމަށެވެ.
މުސާރައަށް ގެންނަ ބަދަލުތައް ތަންފީޒު ކުރަން ސަރުކާރުން ނިންމަވައިފައި ވަނީ ދެ އަހަރު ދުވަހަށެވެ. މިއީ އިގްތިސާދީ ހާލަތު ރަނގަޅުވަންދެން ސަރުކާރުން އަޅަން ނިންމެވި މުހިންމު ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

