ހަރަދުތައް ކުޑަކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް ވެސް މުސާރައިން 50 ޕަސެންޓް އުނިކުރަން ނިންމަވައިފިއެވެ.

މިކަން ހާމަ ކުރައްވައި އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ދައުލަތުގެ އިގްސާދީ ހާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން 10 ޕަސެންޓް ކުޑަ ކުރެއްވުމަށް ނިންމެވި ނިންމެވުމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެމަނިކުފާނުގެ މުސާރައިން 50 އިންސައްތަ ނުނަގާ ގޮތަށް ނިންމަވާފައިވާ ކަމަށެވެ.

ހަރަދު ކުޑަކުރަން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަކަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން ރައީސް މުއިއްޒު ރޭ ވަނީ އިއުލާންކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނުގެ މުސާރައިން 50 ޕަސެންޓު އުނި ކުރުމުގެ އިތުރުން، ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ ވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން ހިމެނެއެވެ.

އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން ވެސް ހިމެނެއެވެ. މިއީ ދެ އަހަރު ދުވަހަށް އަޅާ ފިޔަވަޅުތަކެކެވެ. 12000 ރުފިޔާއަށްވުރެ ކުޑަ މުސާރަ ލިބޭ ފަރާތްތައް މި ފިޔަވަޅުތަކުން އިސްތިސްނާ ވާނެއެވެ.