ފަރުމަހުގެ މަސްވެރިކަމުގެ ސިނާއަތު ތަރައްގީކުރުމުގެ ގޮތުން ދޫކުރާ ލޯނުގެ ދަށުން 62 ފަރާތެއްގެ ލޯނު ދިނުމަށް ނިންމާ، 37 ފަރާތެއްގެ ލޯނު އެޕްރޫވްކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ފަރުމަހުގެ ލޯނު ލިބުނު ފަރާތްތަކާއެކު މިއަދު އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މިއަދު ހުޅުވާލެވުނު ލޯނަކީ ކަނޑުރޯދިން ނަފާ ހޯދާ ފަރާތްތަކަށް ފަހި ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ހާއްސަ ދެއްވައިގެން ކުރިއަށްގެންދާ ކަމެއް ކަމަށެވެ.
ޝިޔާމް ވިދާޅުވީ އެ ލޯނަކީ އާންމު ފަރުދުންނަށް އަތްލެވޭ ވަރަށް ލުއިކޮށް ފަސޭހައިން ލިބޭނެ ލޯނެއް ކަމުން، ވީހާވެސް ގިނަ ފަރާތްތަކަށް މި ލޯނަށް އެދުމުގެ މަގުފަހިވެގެން ދާނެ ކަމަށެވެ.
އޭގެ ސަބަބުން ފަރުމަހުގެ މަސްވެރިކަން އިތުރަށް ތަރައްގީކޮށް ސްޕޯޓްސް ފިޝިންގް ފަދަ އާމްދަނީ ލިބޭ އިތުރު ދޮރުތައް އިންޑަސްޓްރީގެ ތެރެއިން ހުޅުވިގެން ދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މިކަމުން އާމްދަނީ ލިބޭ އިތުރު ދޮރުތައް އިންޑަސްޓްރީގެ ތެރެއިން ހުޅުވާލެވިގެން ދާނެ ކަމަށްވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ތެރެއިން ފަރުމަސްވެރިކަމާއި އެކަމުގެ އުފެއްދުންތައް އުފެއްދުމުގައި ހަރަކާތްތެރިވާ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހަ އަދި ލުއި ލޯނު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހުޅުވާލެވުނު ފުރުސަތެއް ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ގުޅިގެން ކަނޑުފަޅުނަފާ ފްރްގޮރާމްގެ ތެރެއިން ފަރުމަހުގެ ލޯނަށް ހުޅުވާލާފައިވަނީ ފެބްރުއަރީ މަހު 16 ވަނަ ދުވަހު ށ. ކޮމަންޑޫގައި ބޭއްވި ރަސްމިއްޔާތުގައެވެ.
އެ ލޯނަށް ކަނޑައަޅާފައިވާ އަދަދަކީ 20 މިލިއަން ރުފިޔާއެވެ.
ނަމަވެސް ލޯނަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އަދަދު ގިނަކަމުން ވީހާވެސް ގިނަ ފަރާތްތަކަކަށް ލޯނު ހަމަޖައްސައިދިނުމަށް އިތުރު 10 މިލިއަން ލޯނަށް އިތުރުކޮށް 30 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

