ހޯރަފުށީ މަގުތައް ތާރު އަޅައިގެން ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، މިމަހުގެ ފަހު ހަފްތާގައި ތާރު އެޅުމުގެ މަސައްކަތް ފަށާނެކަމަށް، މި މަޝްރޫއު ހަވާލު ކޮށްފައިވާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ބުނެފިއެވެ.

Ads by Asuru

އެމްޓީސީސީން ބުނީ، ޖުލައި މަހުގައި މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް މީގެ ކުރިން މަސައްކަތް ކުރި ނަމަވެސް، އެކަން ލަސްވެގެން ގޮސްފައިވައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.

ހޯރަފުށީގެ މަގުތައް ތަރައްގީ ކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ އަށް ވަނަ ދުވަހުއެވެ. މިއީ އެރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އައި މުހިންމު މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން، 5.3 ކިލޯމީޓަރުގެ މަގު ހަދާނެއެވެ. މީގެތެރޭގައި 11 މަގެއް ހިމެނޭއިރު، ރަށުގައި އެންމެ ގިނަބަޔަކު ބޭނުންކުރާ ރަށުގެ މައި 6 މަގުވެސް ހިމެނެއެވެ.

ހޯރަފުށީ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 71.9 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގައި މަގުތަކުގެ 5303 މީޓަރުގެ ސަރަޙައްދުގައި ތާރު އެޅުމާއި، ސަބްބޭސް ހެދުމާއި، އޭބީސީ ފަށަލަ އެޅުމާއި ޕޭމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.