އަރިދަފުސް ރޯގާ އަކީ ދުނިޔޭގައި އެންމެ އާންމުކޮށް ފެތުރޭ އެއް ރޯގާއެވެ. މިއީ ވައިރަސް އަކުން ޖެހޭ ވަރަށް ފަސޭހައިން އެކަކު ގައިން އަނެކާގެ ގަޔަށް އަރާ ބައްޔެކެވެ.

ރޯގާ އަކީ ނޭވާ ލުމާބެހޭ ނިޒާމަށް ޖެހޭ ބައްޔެކެވެ. ގިނަފަހަރު ރޯގާގެ ސަބަބެއްކަމުގައި ވަނީ ނޭވާލުމާބެހޭ ނިޒާމަށް ވައިރަސް އޭކިޔޭ ބާވަތުގެ ޖަރާސީމު ވަނުމެވެ. އިންސާނުންނަށް ޖެހޭބަލިތަކުގެ ދެބައިކުޅަ އެއްބަޔަކީ ރޯގާއެވެ.

ރޯގާއާއި ހުމަށް ގޭގައި ކުރެވިދާނެ ފަރުވާ އަކީ ކޮބާ؟

ހުން އައިސް ރޯގާ ޖެހިއްޖެނަމަ، ގޭގައި ކުރެވިދާނެ ބައެއް ފަރުވާ ހުރެއެވެ.

އެގޮތުން ގިނައިން ދިޔާ ތަކެތި ބުއިމާއި، އަރާމު ކުރުމާއި، ލުނބޯ، އިނގުރު އަދި މާމުއި އަޅައިގެން ބުއިންތައް ބޭނުން ކުރުމާއި، ޑޮކްޓަރެއްގެ އިރުޝާދާ ނުލައި ޕެރެސިޓަމޯލު ފިޔަވައި އިތުރު ބޭހެއް ބޭނުން ނުކުރުން ހިމެނެއެވެ.

އަދި ބަރުދަނާ އެކަށީގެންވާ ވަރަށް ބޭސް ބޭނުން ކުރުމަށް ވެސް ސަމާލުކަން ދޭން ޖެހެއެވެ. ހުން އައިސް ތިން ދުވަހަށް ވުރެ ގިނަ ދުވަސް ވާނަމަ ޑޮކްޓަރަކަށް ދައްކަން ވާނެއެވެ.

އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ގިނަގިނައިން ދެ އަތްދޮވެ ސާފުކުރުން، ކެއްސައި ކިނބިއަޅާ ހަދާއިރު އަނގަޔާއި ނޭފަތް ރުމާލަކުން ނިވާކުރުން، އަދި މިނޫނަސް ސިއްހީ ރަނގަޅު އާދަތައް ހިފެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ.

މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުހެލިވުން އަދި ސްޓްރެސް އާއި ދުރުހެލިވުމަކީ ވެސް މިބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެވެ.