ދިވެހި ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ހުސައިން މަޒީދުއެވެ.

މި ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 98 ފުލުހުންނެވެ. އެއީ އަންހެން 20 ފުލުހުންނާއި ފިރިހެން 73 ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންޓަބިއުލަރީ އަންހެން ދެ ފުލުހުންނާއި ފިރިހެން ތިން ފުލުހުންނެވެ.

ހުވާކުރުމަށްފަހު އެ ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.

މި ރަސްމިއްޔާތުގައި، ހެޑް އޮފް ހިއުމަން ރިސޯސަސް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްތާން އަޙްމަދު ބިޝާރު، ހެޑް އޮފް ސެރެމޮނީސް އޮފިސަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދު އަދި ހެޑް އޮފް ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖަމެންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝަރީފް ބައިވެރިވެލެއްވިއެވެ.