ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި 248 ސިޔާސީ މުވައްޒަފުން ވަކި ކުރިކަން ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން، މިހާތަނަށް 31  އޮކްޓޯބަރު 2024 ގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން މަދުކުރެވިފައިވާ ކަމަށެވެ.

އަދި ސިޔާސީ މުވައްޒަފުންގެ ޕަރފޯމަންސް ބަލާނެ ނިޒާމެއް ގާއިމު ކުރުމަށް ކެބިނެޓުން މިހާރު ނިންމާފައިވާ ކަމަށާއި، މި ނިޒާމަށް ވަރަށް އަވަހަށް އަމަލުކުރަން ފަށާނެ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

މިދިޔަ މަހުގެ 15 ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުގެ އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމަވާފައިވާކަން އިއުލާނު ކުރައްވާފައެވެ.