ދައުލަތުގެ އިސް މަގާމުތަކުގައި އުޅުއްވާ ފަރާތްތަކުގެ މައްސަލަތަކުގައި ދައުވާކުރުމަށް ހުރި ދަތިތައް ނައްތާލަން ގާނޫނަށް އިސްލާހު ގެންނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ކޮރަޕްޝަން ނައްތައިލުމުގެ ނިޔަތާއި އަޒުމާއެކު ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ ރައީސްގެ އެ އިސްލާހު ގެންނަވާނެކަން ހާމަކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް އިއްޔެ ވިދާޅުވީ، ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަހްގީގުކޮށް، ދައުވާ ކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހް ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ގާނޫނުލްއުގޫބާތަށް ގެންނަ އިސްލާހުތައް އަންނަ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށެވެ.

އެގޮތުން، ގާނޫނުލްއުގޫބާތުގެ 515 ވަނަ މާއްދާއަށް ގެނެވޭ އިސްލާހުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭގޮތުން، ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފެއްގެ މަގާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުޙައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިކަމަށް އިޝާރާާތް ކުރައްވައި އިހުސާން ވިދާޅުވީ މިހާރު އޮތް ޤާނޫނުގައި މާއްދާ އޮތީ ތުހުމަތުކުރެވުނު ނަމަވެސް އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރެވޭ ގޮތަށްކަމަށެވެ.

އަދި ދައުވާކުރުމުން ސާބިތު ވެސް ނުވާގޮތަށް ކަމަށް ވިދާޅުވިއެވެ. އަދި އޭނާ ސިފަކުރެއްވީ އެއީ ކަންކުރުމުގެ ނިޔަތް ނެތި ލިޔެފައޮތް މާއްދާއެއް ގޮތަށެވެ.

2023 ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ކޮރަޕްޝަނަށް އެއްވެސް ވަރަކަށް ޖާގަ ނުދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.