ޒަމާނީ ފެންވަރަށް ގާއިމުކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ ނުވަތަ ”އޮޅު ހިޔާ“ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.

މި ސަރުކާރުގެ ހަފްތާ 14ގެ ވައުދުތަކުގައި ހިމެނޭ މި ފެސިލިޓީ އެމަނިކުފާނު ހުޅުއްވައިދެއްވީ މިއަދު ހަވީރު ހުޅުމާލޭގެ ފޭސް-2 ގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި މަޝްރޫއު އަކީ އެމަނިކުފާނު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން ހިންގެވުމަށް މަސައްކަތްޕުޅު ކުރެއްވި މަޝްރޫއެއްކަމަށެވެ.

އެހެންނަމަވެސް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދެއްވުމުން އެމަޝްރޫޢު ކުރިއަށް ނުގެންދެވުނީކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވަނީ އޮޅު ހިޔާ މަޝްރޫޢު ހަޤީޤަތަކަށް ހެދުމަށް މި ސަރުކާރުން ކުރެއްވި މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން މި މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށާއި ރާއްޖޭގައި މިފަދަ ދިރޭތަކެތި ރައްކާތެރިގޮތެއްގައި ބެލެހެއްޓުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މި ޤައުމުގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ނަމުގައި މިނިސްޓްރީއެއް ގާއިމުކުރެއްވުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މި ފެސިލިޓީ ގާއިމުކުރުމަށް ބިން ހަމަޖައްސަވައި ހުރިހާ ވަސީލަތްތަކެއް މަގުފަހިކޮށްދެއްވައި މި މަޝްރޫއު ކުރިއަށްގެންދިއުމަށް މާލެ ސިޓީ ކައުންސިލާ ހަވާލުކުރެއްވިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންތައްތައް ކުރެއްވުމަށް އިސްކަންދެއްވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކައުންސިލްތަކާ ބައްދަލުކުރައްވައި އެކައުންސިލްތަކުން ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

”ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގައި އެންމެ ބޮޑަށް އެންމެ އިސްކަމެއް ދީގެން އަޅުގަނޑުމެން މަސައްކަތްކުރަމުންދާކަން އެއީ ފެންނަން އޮތް ހަޤީޤަތް،“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުވުމަށް ކުރައްވާ މަސައްކަތްތައްވެސް މި ރަސްމިއްޔާތުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަގުފަހިކޮށްދެއްވުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުންވެސް އެމަނިކުފާނު ވަނީ ރައްޔިތުންނާ ގުޅިގެން ރައްޔިތުން ބޭނުންވާކަންކަން ފަހިކޮށްދެއްވުމަށް މި ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ދައުލަތުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕެޓް ކެއަރ ފެސިލިޓީ، ”އޮޅު ހިޔާ“ ހުޅުއްވައިދެއްވައި އެތަން ބައްލަވާލައްވާފައެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި ”އޮޅު ހިޔާ“ އަކީ މި ސަރުކާރުގެ އިސްނެންގެވުމުގެމަތީން މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފެސިލިޓީއެކެވެ. އަދި މި މަޝްރޫޢުގެ މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގައި ޕެޓްކެއަރގެ ހަރުދަނާ ޤަވާއިދުތަކަކާއި ޢުޞޫލުތަކެއް ތަންފީޒުކުރުން ހިމެނެއެވެ.