ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ހުޅުވައިދެއްވައިފިއެވެ.

އެމަނިކުފާނު މި މައުރަޒު ހުޅުވައިދެއްވީ އެކަމަށްޓަކައި ހާއްސަކޮށްގެން މިއަދު ހެނދުނު ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ.

ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ހުޅުވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ މި މައުރަޒު ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުވައިދެއްވި ސިފައިންގެ މައުރަޒުން ފެނިގެންދާނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި އެދުވަހު ނަސްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރެވެ.

އަދި މި މައުރަޒުގެ މައިގަނޑު އެއް ބޭނުމަކީ ނަސްރުގެ ދުވަހުގެ މަޢުލޫމާތު އަދުގެ ޖީލަށް ބުނެދިނުމެވެ.

މި މައުރަޒުން ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ޑިސްޕްލޭ ފެންނަން ހުންނާނެއެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ މައުރަޒުގައި ފޮޓޯގެ އިތުރުން ނަސްރުގެ ދުވަހު ބޭނުންކުރެއްވި ބައެއް އަސްލު ހަތިޔާރާއި ބައެއް ތަކެތި އާންމުންނަށް ދައްކާލުމަށް ބަހައްޓާފައިވެއެވެ.

ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ކުރިއަށްދާނީ ނޮވެންބަރު 3 އިން 9 އަކަށް ނެޝަނަލް އާޓް ގެލެރީގައެވެ.

އަދި މި މައުރަޒު އާންމުންނަށް ބަލައިލުމަށް ހުޅުވާފައި ހުންނާނީ ހެނދުނު 0900 އިން 1200 އަށް، މެންދުރުފަހު 1400 އިން 1800 އަދި ރޭގަނޑު 2000 އިން 2200 އަށެވެ.

ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފްގެ އިތުރުން ސިފައިންގެ އިސްވެރިންނާއި ވަޒީރުން އަދި ދަޢުލަތުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރުގެ ނަސްރުގެ ދުވަސް ފެށިގެން ދިޔައީ ބޮޑު ޖަމާޢަތުގައި ކުރެއްވި ފަތިސް ނަމާދުންނެވެ.

އަދި އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.