ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ފުރިހަމައަށް ޝާމިލުވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސްއަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް މިއަދު ރާވާފައިވެއެވެ.

އެ ހަރަކާތްތައް މިއަދު ފެށީ އިސްލާމީ މަރުކަޒުގައި ބޮޑު ޖަމާއަތުގައި ކުރެވުނު ފަތިސް ނަމާދާއެކުއެވެ.

އެ ބޮޑު ޖަމާއަތުގައި ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމަނިކުފާނު ފަހުން ވަނީ ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އިހުސާން އެކްސްގައި މިއަދު ވިދާޅުވީ އޭނާ ކުރިން އަސްކަރިއްޔާގައި ހޭދަކުރެއްވި 11 އަހަރާއި އޭގެ ފަހުން އައި އަށް އަހަރުގައި ވެސް ދެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ރައީސަކު ކުރިން ފެނިވަޑައިގަންފައިނުވާ ކަމަށެވެ. އަދި ގިނަ ފަހަރު އޭގެން އެއްވެސް ރަސްމިއްޔާތެއްގައި ވެސް ރައީސަކު ބައިވެރިނުވާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެހެންވެ ނޮވެމްބަރު ތިނެއްގެ ޝަހީދުންނަށް ރައީސް ކުރެއްވި އިހުތިރާމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.