ފާއިތުވި އަހަރެއްހައި ދުވަސްތެރޭގައި، ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ނުހަނު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމަކީ އެމަނިކުފާނުގެ ވަރަށް މުހިންމު ވައުދުފުޅެއްކަން ފާހަގަކުރައްވައި، އެކަން ކުރެއްވުމުގައި ކޮންމެ ދުވަހަކު ވެސް ދެމިހުންނެވި ކަމަށް ރައީީސް ވިދާޅުވިއެވެ.
”ޒަމާނަށް ފެތޭ ގޮތަށް، އަދި ކުރިއަށް އޮތް ދުވަސްތަކަށް މުހިންމު ފެންވަރަކަށް ވަރުގަދަ ކުރަން ޖެހިފަ އޮތީ، އެހެންވީމާ، އެގޮތުން އެއާކޯ ގާއިމު ކުރެވުނު، އެންމެ ޒަމާނީ ޓެކްނޮލޮޖީތައް ހިމެނޭ ޔޫއޭވީތައް ގެނެވި، ބޮޑު އިކޮނޮމިކް ޒޯން އަބަދުވެސް ބެލެހެއްޓޭނެފަދަ ގާބިލިއްޔަތު އަޅުގަނޑުގަޑުމެންނަށް ގާއިމު ކުރެވިގެންދިޔަ، އިރާދަކުރެއްވީތީ.“ ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ކޯސްޓްގާޑުގެ ފްލީޓު ދެ ގުނައަށް ބޮޑު ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމުގައި ވިދާޅުވިއެވެ. އެގޮތުން ކަނޑުއޮތްގިރި ސިފައިންނާ ހަވާލު ކުރެވިފައިވާއިރު، އެތަނުގައި ކޯސްޓްގާޑުގެ ފްލީޓު ބޮޑު ކުރުމުގެ މަސައްކަތް ކުރެވިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ވީރާނާވާން ފަށާފައިވާ ސިފައިންގެ މަރުކަޒުތައް މަރާމާތު ކުރުމަށް އެކުވެރި ގައުމުތަކުގެ އެހީއަށް އެދިވަޑައިގެންފައިވާނެކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، މި އަންނަ އަހަރުގެ ތެރޭގައި، ބޭރުގެ އެހީއާއެކު އެ މަރުކަޒުތައް ހެދޭނެ ކަމަށެވެ.

