ޝަހީދުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ދިނުމަށް ”ޝަހީދުންގެ ހިޔާ“ގެ ނަމުގައި ހައުސިން ޔުނިޓުތަކެއް އަޅައި، ޝަހީދުންގެ އާއިލާތަކަށް ހާއްސަ އެލަވަންސްއެއް ދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ، މިރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިކަން އިއުލާނު ކުރައްވައިފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ފާއިތުވި 40 އަހަރުގެ ތެރޭގައި، އެކި ހާދިސާތަކުގައި 29 ސިފައިން ޝަހީދުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ފުލުހުންގެ ދެމީހުން ހިމެނޭ ކަމަށެވެ.
ނަމަވެސް ފަހަކަށް އައިސް، އެފަދަ ފަރާތްތަކަށް ސަރުކާރުތަކުން އެއްވެސް ކަމެއް ކޮށްދީފައިނުވާއިރު، އެއީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ރައީސް ވިދާޅުވިއެވެ.
”އެހެންވީމަ، ކުރިއަށް އޮތްތަނުގަ، މި އަންނަ އަހަރުން ފެށިގެން، ޝަހީދުވި އާއިލާތަކަށާއި، އަދި ހަމައެއާއެކީގަ، 3 ނޮވެމްބަރުގެ މެޑަލް ފޮރ އެކްސެޕްޝަނަލް ބްރޭވަރީ ލިބުނު ފަސް ފަރާތާއި، މެޑަލް ފޮރ ބްރޭވްރީ ލިބުނު 10 ފަރާތް ހިމެނޭހެން، މި ދެންނެވި ހުރިހާ ފަރާތްތަކަށް ކަނޑައެޅޭ، ގެޒެޓް ކުރެވޭ އުސޫލެއްގެ މަތިން، ސަރުކާރުން ދެމެހެއްޓެނިވި ގޮތެއްގައި، ހާއްސަ އެލަވަންސެއް ދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން.“ ރައީސް ވިދާޅުވިއެވެ.

”އަދި ހަމައެއާއެކީގައި ޝަހީދުވި އާއިލާތަކަށް ހާއްސަކޮށް، ޝަހީދުވި ފަރާތްތަކަށް ހާއްސަ ކުރެވިގެން ހައުސިން ޕްރޮގްރާމެއް، ޝަހީދުންގެ ހިޔާގެ ނަމުގައި 50 ހައުސިން ޔުނިޓް ހިމެނޭ ހައުސިން އިމާރާތެއް، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި، މި ދައުރުގެ ތެރޭގައި އަޅާ ނިންމާ، މި އާއިލާތަކާ ހަވާލު ކުރާނަން.“ ރައީސް އިތުރަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިއީ ދައުލަތަކުން ޝަހީދުންގެ އާއިލާތަކަށްޓަކައި ކޮށްދޭން ޖެހޭނެ މިންވަރެއް ކަމުގައި އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ކަމަށެވެ.
ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައި، ހުރިހައި ދިވެހި ރައްޔިތުން ގެދޮރުވެރިކުރުވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

