ދ.ކުޑަހުވަދޫގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފެށުމަށް ތައްޔާރު ވެއްޖެއެވެ.
ހޯމް މިނިސްޓްރީން މިއަދު ބުނީ، އެއީ މާލެ ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ދޭން ފަށާ ދެވަނަ ރަށް ކަމަށެވެ.
މީގެ ކުރިން އެ ހިދުމަތް ދެމުން އައީ ވެލާނާގެ ބިލްޑިންގުގައި ހުންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ އޮފީހުންނާއި ގއ. ވިލިނގިލީގައެވެ.
ޑީއެންއާރުން ބުނީ އައިޑީ ކާޑު، ޕްރިންޓް ކުރުމުގެ ހިދުމަތް ދ. ކުޑަހުވަދޫގައި މާދަމާގެ ވަގުތެއްގައި ފަށާނެ ކަމަށާއި އެ ހިދުމަތް ދޭން ފަށަނީ ދ. އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކީގައި ކަމަށެވެ. އެ ހިދުމަތް ކުޑަހުވަދޫގައި ފައްޓަވައިދެއްވާނީ ހޯމް މިނިސްޓަރު އަލީ އިހުސާންއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

