އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ވަރަށް ގިނަ މަޝްރޫއުތަކެއް ހިމަނާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެގޮތުން، ހިޔާވެހި ފައިނޭންސިންގ ސްކީމަށް، އެއް ބިލިޔަން ރުފިޔާ އަދި ސަރުކާރުން ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ގެދޮރު އެޅުމަށް ކަނޑައަޅުއްވާފައިވާ 1.5 ބިލިޔަން ރުފިޔާއާއެކު، 2.5 ބިލިއަން ރުފިޔާ، އަންނަ އަހަރުގެ ބަޖެޓުގައި ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް އެކަށައަޅުއްވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ތަކުރާރު ކުރެއްވީ، ސަރުކާރުން ބޯހިޔާވަހިކަމަށް ދޭ އަހައްމިއްޔަތުގެ ބޮޑު ކަމެވެ.
އެގޮތުން ގައުމީ ބޮޑެތި މައްސަލަތައް ފިޔަވައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރުމަށް ކަމަށް ކަމަށާއި، އަންނަ އަހަރު ބަޖެޓުގައި ގެދޮރުވެރިކަމަށް 2.5 ބިލިއަން ރުފިޔާ ކަނޑައެޅި ގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް އެ ސިޔާސަތު ދަމަހައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމާ ގުޅޭ މައްސަލައަކީ މާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަށްވާ އިރު، ލޯން ސްކީމުން އެންމެ ބޮޑު ފައިދާއެއް ކުރާނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އެހެން ރަށް ރަށަށް ވެސް މިއިން ފައިދާ ކުރާނެ ކަމަށް ރައީީސް ވިދާޅުވިއެވެ.

