މިސަރުކާރުން މިހާތަނަށް މަސްވެރިންނަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާއި ހަވާލުއިރު، މަސްވެރިންނަށް ދޭން ޖެހޭ ވަރަށް ގިނަ ފައިސާ ނުދެއްކި އޮތް ކަމަށާއި މިދިޔަ ސަރުކާރުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމި، ދެވަނަ ބުރާއި ދޭތެރޭގައި މަސްވެރިން އަތުން މިފްކޯއިން މަސް ގަންނަމުން ދިޔައީ 17 ރުފިޔާއަށް ކަމަށެވެ.
ނަމަވެސް އެ މުއްދަތުގައި އެ އަގު 25 ރުފިޔާއަށް ޖެއްސި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއްވެސް ދިރާސާއަކަށް ބެލުމެއް ނެތި ސިޔާސީ ބޭނުމަށް އެކަން ކުރުމުން، ގޮންޖެހުންތައް ދިމާވިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

”މި ދަންނަވަނީ ދައުރެއް ނިމިގެން އިންތިހާބެއް ތެރޭގައި ހިނގަމުން ދިޔަ ކަމެއްގެ ވާހަކަ. އެއީ ކޮން ކަހަލަ ނިޔަތެއްގައި ކުރި ކަމެއް ކަން އަޅުގަނޑުމެންނަށް ވަރަށް ސާފު. އެއްވެސް ކަހަލަ ދިރާސާއަކަށް ބަލައިގެން ކުރި ކަމަކަށް އަލުގަނޑުމެން މިއަދު ވެސް ގަބޫލެއް ނުކުރަން، އަދި މަސްވެރިން ވެސް ގަބޫލެއް ނުކުރޭ“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މަސްވެރިން އަތުން މަސް ގަންނަ އަގު ބޮޑު ކުރުމުގެ ސަބަބުން އެންމެ ބޮޑު އުނދަގުލަކަށްވީ، ކުރީ ސަރުކާރުގެ ވެރިކަން ނިމުނުއިރު ވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި އޮތުން ކަމަށާއި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެންމެ އިސްކަމެއް ދެއްވި އެއް ކަމަކީ އެ ފައިސާ ދިނުން ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ އޮކްޓޯބަރު މަހުގެ 27 އާއި ހަމައަށް 1،042،060،897 ރުފިޔާ މަސްވެރިންނަށް މިސަރުކާރުން ދީފައިވާ ކަމަށް ޝިޔާާމް ވަނީ ވިދާޅުވެފައެވެ.