ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް، “ހަށިހެޔޮ ރާއްޖެ“ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވައިފިއެވެ.

އެމަނިކުފާނު މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ އެކަމަށް ހާއްސަކޮށްގެން މިއަދު ހަވީރު ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.

”ހަށިހެޔޮ ރާއްޖެ“ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުން ވޭތުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށްވެސް އިސްކަމެއްދެއްވާ ކަމެއްކަމަށާއި، މިއަދު ފުރިހަމަވެގެން މިދިޔައީ އެމަނިކުފާނުގެ ވައުދުފުޅެއްކަމުގައެވެ.

އަދި އާބާދީގެ ނިސްބަތުން އެރަށަކަށްބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދީ، ރައްޔިތުންނާހަމައަށް އެ ހިދުމަތްތައް، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ފޯރުކޮށްދިނުމަށް ކަމާގުޅުން ހުރި ވުޒާރާތަކުން މަސައްކަތް ކުރައްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، މިއަދު އިފްތިތާޙުކުރެއްވި ޕްރޮގްރާމުން ލިބުނު ތަމްރީނުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ޕްރޮގްރާމުން ލިބުނު މަޢުލޫމާތު ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދީ މި ޕްރޮގްރާމުން ތަމްރީނުވި ސްޕޯޓްސް ކައުންސިލަރުންނާއި އަދި ޔޫތު އެސޯސިއޭޓުން، ކުރަންޖެހޭ މަސައްކަތް ފުރިހަމަ ގޮތުގައި ކޮށްދޭނެ ކަމަށް ޔާޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

އަދި މި ޕްރޮގްރާމަކީ މުޅި ރާއްޖެއަށް ފެތުރިގެން ދާނެ ޕްރޮގްރާމެއް ކަމަށާއި، މިއަދު ކުޅުއްދުއްފުށީގައި މި ކުރިއަށްދިޔައީ ފެށުމެއްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.